ގދ. ފަރެސްމާތޮޑާގައި ލެޕްރަސީ ނުވަތަ ޖުޒާމް ބަލި ފެތުރެމުންދާ ކަަމަށް އެރަށުގެ ސިއްހީ މަރުކަޒުން ބުނެފި އެވެ.

ޖުޒާމް ބައްޔަކީ 1960 ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ފެތުރެމުން ދިޔަ ބައްޔެކެވެ.

ފަރެސް މާތޮޑާ ސިއްހީ މަރުކަޒުން މިއަދު ނެރުނު ބަޔާނުގައި ބުނީ ޖުޒާމް ބަލި ޖެހިފަިއވާ މީހުން އެރަށުގައި ދިރިއުޅޭތީ މިދިޔަ ޖުލައި މަހުވެސް އެ ބައްޔަށް ސްކްރީން ކުރުމުގެ ހަރަކާތެއް ކުރިއަށްގެންދިޔަ ކަމަށެވެ.

ނަމަވެސް އެ ސްކްރީނިންނަށް އެކަށީގެންވަ ތަރުހީބެއް ނުލިބުނު ކަމަށްވެސް ސިއްހީ މަރުކަޒުން ބުންޏެވެ.

އެ ހޮސްޕިޓަލުން އިތުރަށް ބުނީ ޖުޒާމް ބަލި ކޮންޓްރޯލް ކުރެވޭނީ އެ ބަލި ކުރީކޮލު ދެނެގަނެ ފަރުވާ ދެވިގެން ކަމަށެވެ. އެހެންކަމުން އެ ބައްޔަށް ސްކްރީން ކުރުމުގެ ކަންތައްތައް މިހާރު ހަމަޖެހިފަިއވާ ކަމަށްވެސް ސިއްހީ މަރުކަޒުން ބުންޏެވެ.

ޖުޒާމް ބަލި ފަރެސްމާތޮޑާގައި ފެތުރެމުންދާއިރު 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއިން ޖުޒާމް ބަލި އެއްކޮށް ނައްތާލާނެ މަގު ޗާޓެއް ވަނީ އެކުލަވާލާފައެވެ. އެ މަގު ޗާޓުގެ ދަށުން، 2027 ވަނަ އަހަރު ރާއްޖޭގައި ޖުޒާމް ބަލީގެ ޙާލަތު ދެނެގަންނާނެ ދިރާސާތައް ހަދާ 2030 ވަނަ އަހަރު އަންނަންވާއިރަށް މި ބަލި އެއްކޮށް ނައްތާލުމަށްވަނީ ކަނޑައަޅާފައެވެ.