ދީނީ އިލްވެރިން ލައްވައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

އެމްޑީއެންގެ ރިޕޯޓަކީ، ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ.

އެ ރިޕޯޓުގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހުރުމުން ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ތަހުގީގު ނިމެންދެން އެ ޖަމިއްޔާ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފަ އެވެ.

މައްސަލައިގެ ތަހުގީގަށް ފުލުހުން ތިން ދީނީ އިލްމުވެރިއަކު މެދުވެރިކޮށް އެ ރިޕޯޓުގެ އިލްމީ ދިރާސާއެއް ހަދަން ފަށައިފަ އެވެ.

އިއްޔެ އިސްކަންދަރު ކޮށީގައި އޮތް ޕްރެސް ކޮންފަރެންސަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި އެ ދިރާސާ ނިމި، ރިޕޯޓު އެކުލަވާލެވޭނެ ކަމަށެވެ.

އޭރުން އިލްމީ ގޮތެއްގައި، ރިޕޯޓުގައި ހުރި ވާހަކަތައް ސާފުވާނެ ކަމަށާއި، ވަރަށް ގިނަ ކަންކަމަށް ޖަވާބުވެސް ލިބިގެންދާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ފުލުހުން ބުނީ ތަޖުތިބާކާރުންގެ އިލްމުވެރިންގެ ލަފަޔާއި އިރުޝާދާއެކު އެކުލަވާލެވޭ އެ ރިޕޯޓު ނިންމުމުން، އެމްޑީއެންގެ އެ ރިޕޯޓާ ގުޅިގެން އިދާރީ ގޮތުން ފިޔަވަޅު އެޅުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުއްވާނެ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ވާހަކަ ދައްކަމުން ރިޔާޒް ވިދާޅުވީ މިހާރު އެ ރިޕޯޓު އާންމުންނަށް ފެންނަ ގޮތަށް އާންމުކުރި ތާރީހު ވެސް ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

ދެހާސް ސާދަ ވަނަ އަހަރު ވެސް އެ ރިޕޯޓުގެ މަސައްކަތް ކޮށްފައިވާކަން މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަށާއި ރިޕޯޓުގެ މުސައްނިފުންގެ ގޮތުގައި ތިބީ ހަތަރު މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ރިޕޯޓު އެކުލަވާލުމުގައި އޭރު އެމްޑީއެންގައި އިސްކޮށް މަސައްކަތް ކުރި ފަރާތެއް ވޭތޯ ވެސް ފުލުހުން ބަލާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ރިޕޯޓު ލިޔުނު މީހުން ރާއްޖޭން ބޭރުގައި ދިރިއުޅުމަކީ ތަހުގީގު ލަސްވާ ސަބަބެއް ކަމަށެވެ. އެމީހުން ތަހުގީގަށް ހާޒިރުކުރުމުގައި އުނދަގޫތަކެއް ހުރިކަން ރިޔާޒް ފާހަގަކުރެއްވި އެވެ.

އެމްޑީއެންގެ ރިޕޯޓުގެ ތަހުގީގަށް ހާޒިރުވުމަށް މިހާރު ވަނީ ޗިޓު ފޮނުވަން ފަށައިފައެވެ. އެގޮތުންް ރިޕޯޓު ލިޔުނު ދެމީހުން ކަމުގައިވާ ޝަހިންދާ އިސްމާއިލް އާއި އަޒްރާ ނަސީމަށް މިހާރު ޗިޓު ހަވާލުކޮށް، ތަހުގީގަށް ހާޒިރުވުމަށް 14 ދުވަހުގެ ނޯޓިސް ވަނީ ދީފައެވެ.

އެނގިފައިވާ ގޮތުގައި މިހާރު އަޒްރާ ދިރިއުޅެމުން ދަނީ ސްޕެއިންގައެވެ. އަދި ޝަހިންދާ ދިރިއުޅެނީ ޖަރުމަނުގައެވެ. އެމްޑީއެންގެ މައްސަލަ ފެންމަތިވި އިރުވެސް އޭނާ ހުރީ އެތަނުގައެވެ.