25 Oct 2019, 12:31
މަރުގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ހޯދަން އިއުލާން ކުރި އިރުފާން ރުޝްދީ 2015 ވަނަ އަހަރު ރާއްޖެއިން ބޭރަށް ދިޔަ ފަހުން ނާންނަ ކަމަށާއި ނަމަވެސް 2016 ގައި ހިނގި މަރުގެ ސީން އަކުން އޭނާ ފެނުނު ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ރިޔާސީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މ. ކުރިރުއްގޭ، އިރުފާން ރުޝްދީ ހޯދުމަށް އިއުލާން ކުރީ ރޭގައެވެ. ކޮމިޝަނުން ވަނީ އޭނާ ހޯދަން ބޭނުންވާ ކަމަށާއި، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރިނަމަ އެ މައުލޫމާތު، ކޮމިޝަނަށް އަންގައިދިނުމަށް އެދޭ ކަމަށެވެ.
އެކަމާ ގުޅިގެން އިތުރު މައުލޫމަތު ހާމަ ކުރައްވާ ކޮމިޝަނުން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނީ، މަރުގެ މައްސަލައެއްގެ ސީން އަކުން މީގެ ތިން އަހަރު ކުރިން ފެނުނު އިރުފާން ރުޝްދީ މިއަދާ ހަމައަށް އެއްވެސް ދައުލަތުގެ މުއައްސަސާތަކަށް ނުފެންނަކަމަށެވެ.
"އިމިގްރޭޝަނަުން ބުނަނީ 2015 ގައި މީނަ ރާއްޖެއިން ބޭރަށް ދިޔަ ފަހުން ނާންނަ ކަމަށް. ނަމަވެސް 2016 ޖޫން މަޑާ [މަރުގެ] ސީންއެއްގައި މީނާ ހުއްޓާ ސީސީޓީވީ ފޫޓޭޖުން ފެނޭ،" ކޮމިޝަނުން ބުންޏެވެ.
މަރުތައް ބަލާ ކޮމިޝަނުން އިރުފާން ރުޝްދީ ހޯދުމަށް އިއުލާންކުރީ، "ސަން"އަށް އެނގިފައިވާ ގޮތުގައި، 3 ޖޫން 2016 ގައި ހިނގި މާރާމާރީއެއްގައި މަރާލި 14 އަހަރުގެ ފާތިރު މުހައްމަދު އަލީގެ މަރުގެ މައްސަލައިގައެވެ. އޭނާ އަކީ އެ މައްސަލައިގައި ތުހުމަތުވާ މީހެކެވެ. އަދި އެ ދުވަސްވަރު ފުލުހުން އެ މައްސަލައިގައި އޭނާ ހޯދުމަށްވެސް އިއުލާން ކުރިއެވެ.
ފާތިރުގެ މަރައިލީ އޭރު މާލެ ތެރޭ ހިނގަމުން ދިޔަ ސިލްސިލާ މާރަމާރީތައް ހިނގި ދުވަސްވަރު އެވެ. އެ ދުވަސްވަރު ފާތިރުގެ އިތުރުން އިތުރު ދެ ކުޑަކުއްޖަވެސް ވަނީ މަރާލާފައެވެ.