25 Oct 2019, 12:37
ރާއްޖެއަށް 15 އެމްބިއުލަންސް އެތެރެކުރަން ހުޅުވާލުމުން ބޮޑު އަގު ހުށަހެޅި ކުންފުންޏަށް އެ ބީލަން ދިިން މައްސަލަ އޭސީސީއިން ބަލައި އެ އެއްބަސްވުން ބާތިލްކޮށް އަލުން، ބިޑްތައް އިވެލުއޭޓް ކުރަން ހެލްތް މިިނިސްޓްރީއަށް އަންގައިފި އެވެ.
އެމްބިއުލާންސްތައް އެތެރެކުރުމަށް މިދިޔަ މަހުތެރޭ ފިނޭންސް މިނިސްޓްރީއިން ހަވާލުކުރީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ މޯހަން މުތާ އެކްސްޕޯޓަށެވެ.
ނަމަވެސް މޯހަން މުތާއިން ހުށަހެޅީ މާބޮޑު އަގެއްކަމަށްބުނެ ހަމަ އެ ބީލަމަށް ކުރިމަތިލި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންއިން އެ މައްސަލަ އޭސީސީއަށް ހުށަހެޅި އެވެ.
އޭޑިކޭއިން ބުނީ މޯހަން މުތާއިން އެމްބިއުލެންސްތައް އެތެރެކުރަން ހުށަހެޅި އެކުންފުނިން ހުށަހެޅި އަގަށް ވުރެ، 700،000 ރުފިޔާ ބޮޑުކޮށް ކަމަށެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްބިއުލެންސްގެ ބީލަން އަލުން ރީއިވެލުއޭޓް ކުރުމަށް ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް މީޑިއާ އޮފިޝަލް ވިދާޅެއް ނުވެ އެވެ. ހަމައެކަނި ވިދާޅުވީ އެ ބީލަން އަލުން ރީއިވެލުއޭޓްކުރަން ޖެހޭކަމަށް ބައެއް ކަންތައްތައް ފެންނާތީ އެކަން އެންގީ ކަމަށެވެ.
އެ މައްސަލަ މިހާރު އޭސީސީން ތަހުގީގްކުރަމުންދާ ކަަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މޯހަން މުތާ ކުންފުނިން މިހާރުވެސް ރާއްޖޭގައި ތަފާތު ބާވަތްތަކުގެ ވިިޔަފާރި ކުރެ އެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން ދާއިރާގެ އިތުރުން ތަފާތު ބާވަތްތަކުގެ މުދާ އެތެރެކުރުން ފަދަ ވިޔަފާރިތައްވެސް ހިމެނެ އެވެ.
މީގެ ކުރިންވެސް މޯހަން މުތާއިން ރާއްޖޭގައި ހިންގި މަޝްރޫއެއްގައި ކޮރަޕްޝަން ހިމެނޭކަމުގެ ތުހުމަތު ވަނީ ކުރެވިފަ އެވެ.