ކުއެންޓިން ޑައިރެކްޓްކޮށް މިއަހަރުގެ މެއި މަހު ނެރުނު ހޮލީވުޑް ފިލްމު "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" އަލުން ރިލީޒްކުރަން ނިންމައިފި އެވެ.

އެ ފިލްމު އަލުން ރިލީޒްކުރަން ނިންމީ އިތުރު 10 މިނެޓުގެ ސީން އަކާ އެއްކޮށެވެ. ހޮލީވުޑްގައި ފިލްމު ރިލީޒްކުރުމަށްފަހު އަލުން އިތުރު މިނެޓްތަކެއް އިތުރުކޮށް ފިލްމު ރިލީޒްކުރުން މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ.

ދާދިފަހުން "އެވެންޖާސް އެންޑްގޭމް" އަށްވެސް ވަގުތު އިތުރުކޮށްވަނީ އަލުން ނެރެފައެވެ.

ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް އަކީ ތްރިލާ ފިލްމެކެވެ. އެ ފިލްމަށް އިތުރު 10 މިނެޓްލައިގެން ފިލްމު ރިލީޒްކުރާނީ ހުކުރު ދުވަހުއެވެ.

މި ފިލްމަކީ 96 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 366 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. ފިލްމު އަލުން ރިލީޒްކުރުމާއެކު ފިލްމަށް ލިބޭ އާމްދަނީ އިތުރަށް ބޮޑުވެގެންދާނެ އެވެ.