19 Nov 2011, 11:59
ރައީސުލް ޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ 38 ވަނަ ޤާއުމީ ބެޑްމިންޓަން މުބާރާތް މާދަމާ ރޭ ފަށާނެ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ މުބާރާތް މާދަމާރޭ 8:30 ގައި ފަށާނީ މާލޭ ކުޅިވަރު އެކުއެނީ ބެޑްމިންޓަން ހޯލުގައި ކަމަށެވެ.
މުބާރާތް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ ދެ ޑިވިޒަނަކަށް ބަހާލައިގެނެވެ. ފުރަތަމަ ޑިވިޒަންގައި ފިރިހެން ތިން ޓީމް ބައިވެރިވެ އެވެ. މުބާރާތުގެ ފިރެހެން ޑިވިޒަންގައި ބައިވެރިވެފައިވާ ޓީމް ތަކަކީ ހުސްވި އަހަރުގެ ޗެމްޕިއަން އޮފް އެފްސީއާއި މަޑިފުށި ޒުވާނުންގެ ޖަމްއިއްޔާ އަދި ކުލަބް އީގަލްސް އެވެ.
މުބާރާތުގެ ދެ ވަނަ ޑިވިޒަންގައި ބައިވެރިވެފައި ވަނީ ފަސް ޓީމެވެ. އެއީ މިދިއަ އަހަރުގެ ޗެމްޕިއަން ޔުނިކް ސްޕޯޓްސް ކުލަބާއި ރަނަރަޕް ކްލަބް ސްޓެޓިކާއި ކުލަބް އީގަލްސް އާއި މަޑިފުށި ޒުވާނުންގެ ޖަމްއިއްޔާ އަދި ދަންވަރު ފްރެންޑްލީ ކުލަބެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، ޤައުމީ މުބާރާތުގެ އިތުރުން އަތޮޅު ތަކުގެ ޓީމްތަކަށާއި ކުޅުންތެރިންނަށް އަމާޒްކޮށްގެން ބޭއްވޭ ހަތަރު ވަނަ އަތޮޅު ލީގުވެސް މާދަމާ ފަށާނެ ކަމަށެވެ. ލީގުގެ ފުރަތަމަ މެޗް މާދަމާ ކުޅުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:30 ގައެވެ.
އަތޮޅު ލީގުގެ ޓީމް އިވެންޓުގައި ރާއްޖޭގެ ތަފާތު ފަސް އަތޮޅަކުން އަށް ޓީމް ބައިވެރިވެފައެވެ. އެއީ ތ. އަތޮޅު، ޏ.އަތޮޅު، ހދ. އަތޮޅު، ނ. އަތޮޅު، ބ. އަތޮޅު، އއ. އުކުޅަހު ޔުނައިޓެޑް އެސޯސިއޭޝަނާއި، ހަމަ އެރަށު ގްލޯރިއަސް ސްޕޯޓް ކުލަބް އަދި އއ. ތޮއްޑޫ އެވެ.
އަތޮޅު ލީގުގެ އޯޕަންސްގެ ފިރިހެން ސިންގަލްގައި 53 ކުޅުންތެރިންނާއި އަދި ފިރިހެން ޑަބަލްސްގައި 29 ޕެއާ ވާދަކުރެއެވެ.
މާދަމާ ފަށާ މިދެ މުބާރާތް ވެސް ސްޕޮންޝަރ ކޮށްފައި ވަނީ އަލް މުދިސް އިންނެވެ.