24 Oct 2019, 22:40
ގައުމީ ބޭންކް، ބީއެމްއެލްއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަފްލާއެއްގައި އެ މުވައްޒަފުންނަށް އެވޯޑް ދީފި އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި މި ހާއްސަ ހަފްލާގައި ބޭންކަށް 15، 20، 25، 30 އަދި 35 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވީ، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ.
ޖުމްލަ 30 މުވައްޒަފަކަށް މި އެވޯޑު ލިބުނު އިރު، 35 އަހަރު ބޭންކަށް ހިދުމަތްކޮށްދީފައިވާ ހެޑް އޮފް ރިކަވަރީސްގެ މަގާމުގައި ހުންނެވި، ފާތިމަތު ރަޝީދާ އަށް ވަނީ ހާއްސަ އެވޯޑެއް ދީފަ އެވެ.
މީގެ އިތުރުން ބޭންކަށް 30 އަހަރު ހިދުމަތްކޮށްދީފައިވާ ހަތަރު ފަރާތަކަށް ވަނީ އެވޯޑް ދީފަ އެވެ. އެއީ؛
އަމްސޫދާ ނައީމް - ސީނިއާ އޮފިސާ އިންޓަރނޭޝަނަލް ބޭންކިން
- އާމިނަތު ނަސީމް - ކަސްޓަމާ ސާވިސް ޑެޕިއުޓީ މެނޭޖަރު
- އައިޝަތު ސަދްނާ - މެނޭޖާ ޗެކް ޕްރޮސެސިން
- އަބްދު ﷲ ޝަމީމް - ވޭމަންޑޫ ބްރާންޗް މެނޭޖަރު

ގިނަ ހިދުމަތް ކުރުމުގެ އެވޯޑް ލިބުނު ބޭންކްގެ މުވައްޒަފުން -- ފޮޓޯ/ ބީއެމްއެލް
މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ގިނަ ދުވަހު ބޭންކަށް ހިދުމަތްތެރި ބުރަ މަސައްކަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ މުވައްޒަފުންގެ އަގުހުރި މަސައްކަތަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
"ބީއެމްއެލްގައި ހީވާގިކަމާއެކު ދިގު މުއްދަތަކަށް މަސައްކަތްކުރާ މުވައްޒަފުން ދެމެހެއްޓި، މުވައްޒަފުންގެ އަގުވަޒަން ކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު ފަހުރެއް. ތިޔަ ބޭފުޅުންނަކީ ބޭންކުގައި ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދެއްވައި، ބޭންކަށް ކާމިޔާބު ހޯއްދަވައި ދެއްވުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުން،" ޓިމް ވިދާޅުވި އެވެ. "ވޭތުވެދިޔަ އަހަރުތަކުގައި ބޭންކަށް ކޮށްދެއްވި މިންނަތް މަސައްކަތަށްޓަކައި ޝުކުރު ދަންނަވަން."

ބީއެމްއެލްގެ ސީއީއޯ ޓިމް: މުވައްޒަފުންގެ އަގު ވަޒަންކުރުމަކީ ލިބޭ އުފަލެއް ކަމުގައި ވިދާޅުވި. -- ފޮޓޯ/ ބީއެމްއެލް
ޓިމް ވަނީ މިރޭ އެވޯޑް ލިބުނު މުވައްޒަފުން ނަމޫނާ އެއްގެ ގޮތުގައި ބެލުމަށް އެހެން މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ ކުންފުންޏެވެ. ބޭންކުގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ.
ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކުރަން ބޭންކުން އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ.
ބީއެމްއެލްއިން ގެންގުޅެމުންދާ ކުރިއަރާފައިވާ އިންސާނީ ވަސީލަތްތަކުގެ ސިޔާސަތުތައް އަގުވަޒަންކުރުމުގެ ގޮތުން ދޭ "އޭޝިޔާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" މިއަހަރު ވެސް ބޭންކަށް ވަނީ ލިބިފަ އެވެ. މިއީ ބޭންކަށް ޖެހިޖެހިގެން އެ އެވޯޑް ލިބުނު ތިންވަނަ ފަހަރެވެ.