24 Oct 2019, 21:01
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސްގެ އިހުމާލެއް ނެތްކަމަށާއި، އެ މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސްއަށް ފިޔަވަޅެއް އަޅައިފިނަމަ އިގްތިސާދީ ގޮތުން ނޭދެވޭ އަސަރުތަކެއް ރާއްޖެއަށް ކޮށްފާނެކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހްމަދު އައްސަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު އޭސީސީ، ފުލުހުން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް އަހްމަދު އައްސަދު ވިދާޅުވީ އިހުމާލު އޮތްކަމަށް ފާހަގަކުރެވެނީ ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންތަކެއްގެ މައްޗަށް ކަމަށެވެ. ނަމަވެސް ތުހުމަތު އޮތީ ކިހާވަރަކަށް ކަމެއް ދަންނަވަން ދަތިކަމަށް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތަކެއް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާގެ ޗެކުތައް އެސްއޯއެފް ކިޔާ ކުންފުންޏަކަށް ޖަމާކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަމުން އޭސީސީގެ އޭރުގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވެފައިވަނީ ބީއެމްއެލްގެ 38 މުވައްޒަފަކަށް މައްސަލައިގައި ތުހުމަތުވާ ކަމަށެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެސެޓް ރިކަވަރީ ކޮމޝަަނުގެ ރައީސް އައްސަދު ވިދާޅުވީ މި މައްސަލައިގައި މިއީ ސުލޫކީ މައްސަލައަކަށް ވާނަމަ ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
"އެބޭފުޅުންވެސް ފިޓް އެންޑް ޕްރޮޕާ ވާން އެބަ ޖެހޭ. އެ ފިޔަވަޅު އެޅޭތޯ ނުވަތަ އަޅާން ޖެހިފައި ވޭތޯ، ކަމާ ގުޅުންހުރި އިދާރާތަކާ ދިރާސަކޮށް މަޝްވަރާކުރަމުން އަންނަތާ 10 ވަރަކަށް ދުވަސް ވެދާނެ،" އޭނާ ވިދާޅުވި އެވެ.
އައްސަދު އިތުރަށް ވިދާޅުވީ ބޭންކުގެ މުވައްފަޒެއްގެ އެތިކަލް މައްސަލައެއް ހިފައިގެން މަރުކަޒީ ބޭންކާ ހަމައަށް ގޮސްގެން، އެތަނުން ފިޔަވަޅު އަޅާ ހިސާބުން އެ މައްސަލަ ނުކުންނާނީ މުޅި ބޭންކް އޮފް މޯލްޑިވްސްއަށް ކަމަށެވެ. އަދި އެކަމާ ގުޅިގެން އިގްތިސާދަށްވެސް އަސަރުކޮށްފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮކްޓޫބަރ 24، 2019: އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ފުލުހުންނާއި، އޭސީސީ އަދި ޕްރެސިޑެންޝަލް ކޮމިޝަން އޮން ކޮރޮޕްޝަން އެންޑް ސްޓޭޓް އެސެޓް ރިކަވަރީ ގުޅިގެން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ވިސްނަން އެބަ ޖެހޭ، ކޮރެސްޕޮންޑިން ބޭރުގެ ބޭންކުތައް އެބަ އުޅޭ. އެތިކަލް ކުއެއްޝަންއެއް އައިސްގެން ސެންޓްރަލް ބޭންކުން ފިޔަވަޅު އަޅާއިފިކަމަށް ވަންޏާ ހުރިހާ ކޮރެސްޕޮންޑިން ބޭންކުތަކާ އޮތް ރިލޭޝަންޝިޕް ކެނޑިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެއް،" އައްސަދު ވިދާޅުވި އެވެ.
އައްސަދު ވިދާޅުވީ ސާބިތުކަމާއެކު ނޫން ގޮތެއްގައި މިފަދައިން ފިޔަވަޅެއް އެޅުމަކީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ވެދާނެ ކަމަށާއި، އެކަމުގެ ސަބަބުން އައިސްދާނެ އިގްތިސާދީ ލޮޅުންތަކަށްވެސް ރިއާއަތްކުރަންޖެހޭ ކަމަށެވެ.
"ވަކި ސްޓާފަކަށް އެއްވެސް ލޯތްބެއް އޮވެގެނެއް ނޫން. ނަމަވެސް އިކޮނޮީއަށް ވިސްނާ ކަމަށް ވަންޏާ ބައެއް ފަހަރު ފަހަތު ފަޔަށް ބަރުވާން މަޖުބޫރުވާންޖެހޭ ފަދަ ހާލަތެއްވެސް އައިސްދާނެ،" މި މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސް ކުށްވެރިނުވާ ސަބަބު އޭނާ ކިޔައިދެއްވި އެވެ.
އައްސަދު ވިދާޅުވީ އޭގެ ބަދަލުގައި ބޭންކުތަކުން ކުރަންޖެހޭ ކަމަކީ އަމިއްލައަށް އެތެރޭގެ އޮޑިޓުތަކާއި ތަހުގީގު ހަދައިގެން، އިންޓާނަލް ފިޔަވަޅު އެޅުން ކަމަށެވެ. އަދި ބައެއް ބޭންކުތަކުން އަމިއްލަ އިސްނެގުމަށް މިފަދަ އިންޓާނަލް އޮޑިޓުތައް ކުރިއަށް ގެންދަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މީގެ ކުރިން ވަނީ، އެސްއޯއެފް ކުންފުންޏަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރަމުން ދިޔަކަން ފާހަގަވީ ހިސާބުން އެ ކަން ރިޕޯޓުކޮށް، ބޭންކުގެ ޒިންމާ އަދާކުރިކަމަށް ބުނެފަ އެވެ.
ފެބްރުއަރީ މަހު ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭންކުގެ އިތުރުން އެމްއެމްއޭއާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންވެސް އެތަނުގެ އޮޑިޓުތަކެއް ހަދާފައިވާނެ ކަމަށެވެ. އަދި އިންޓާނަލް އޮޑިޓުން ދެއްކީ ބޭންކުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށާއި އެ މައްސަލައިގައި ބޭންކުގެ އެއްވެސް މުވައްޒަފަކާ ގުޅިގެން އެއްވެސް ބާވަތެއްގެ އަމަލެއް ހިންގާފައި ނުވާކަން ކަމަށް ބޭންކުން ބުންޏެވެ.