އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ދިވެހި ދައުލަތަށް ލިބެންޖެހޭ 143 މިލިއަން ޑޮލަރު ނުލިބި ވާކަމަށް ސްޓޭޓް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭގޮތުން މިއަދު ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އައްސަދު ވިދާޅުވީ ނުއަގުގައި ވިއްކި ރަށްތަކުގެ އެކުއިޒިޝަން ކޮސްޓް ހަމައަގުގައި ހިސާބުކުރުމުން 220 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ދައުލަތަށް ލިބެން ޖެހޭ ކަމަށެވެ.

މީގެ ކުރިން އޭސީސީއާއި އޮޑިޓް އޮފީހުގެ ތަހުގީގުން ދެއްކީ ހިޔާނާތުގެ އަދަދު އުޅެނީ، 1.4 ބިލިއަން ރުފިޔާގައި ކަމަށެވެ.

ނަމަވެސް މިއަދުގެ ޕްރެސްގައި ވަނީ ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ތަހުގީގު ކުރަން ފެށިފަހުން، ކުރިން ނޭނގޭ ގިނަ މައުލޫމާތު ތަކެއް އެނގި ހިޔާނާތް ހިނގި ގޮތާއި އެ ފައިސާ ބޭނުންކުރި ގޮތްތައްވެސް މިހާރު އެނގެމުން އަންނަކަން ހާމަކޮށްފައެވެ.

އައްސަދު ވިދާޅުވީ ޖޮއިންޓް ވެންޗާ އުސޫލުން ރަށްތައް ދޫކުރާނެ މިންގަނޑުތަކާއި ފައިސާ ނަގާނެ އުސޫލެއް އެކުލަވާލައި 2013 ވަނަ އަހަރުގެ ޖެނުއަރީ މަހު ގެޒެޓުކޮށްފައި ވީ ނަމަވެސް އެމްއެމްޕީއާރްސީގެ ތެރެއިން ރަށްތައް ދޫކޮށްފައި ހުރީ އެ އުސޫލުގެ ދަށުން ނޫންކަމަށެވެ.

އަދި ކޮންޓްރެކްޓާ ހަމައަށް ގޮސްފައި ވަނީ 49 ރަށެއްކަމަށާއި، ބައެއް ރަށްރަށުގެ އޮފާ ލެޓާ ދެވި، ކޮންޓްރެކްޓް ނުހަދާވެސް ފައިސާ ނަގާފައި ހުރި ކަމަށެވެ.

"އެކަމަކު މިބައި ދޫކޮށްލާފައި ހަމައެކަނި ރަށުގެ ވާހަކަ އަޅުގަނޑުމެން ދައްކާކަމުގައި ވާނަމަ އޭގެ މާނައަކީ ދައުލަތަށް، ދިވެހި ރައްޔިތުންނަށް މަދުވެގެން 220 މިލިއަން ޑޮލަރު ލިބެން ޖެހޭ،" އައްސަދު ވިދާޅުވިއެވެ.

އައްސަދު ވިދާޅުވީ ބަލަމުން އަންނަނީ ފެންނަން އޮތް 77 މިލިއަން ޑޮލަރު ކަމަށް ވާއިރު 143 މިލިއަން ޑޮލަރުގެ ފަރަގެއް އަދިވެސް އެބަ އުޅޭ ކަމަށެވެ.

"ލީސް އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ނޫނީ އެތަންތަނުގެ ލީސް ހޯދުމަށް ދޭ އަގެއްގެ ގޮތުގައި މި އޮންނަނީ 76.8 ނުވަތަ 76.9 މިހާކަށްވަރުގެ އަދަދެއް. އެހެން ބަލާ ކަމުގައި ވަންޏާ އަޅުގަނޑުމެން މިދައްކަނީ 143 މިލިއަން ޑޮލަރުގެ ފަރަގެއްގެ ވާހަކަ. އަޅުގަނޑުމެންނަށް ލިބެންޖެހޭ 143 މިލިއަން ޑޮލަރު ދޫކޮށްލެވިފައި އޮތް ވާހަކަ މި ދެންނެވީ،" އައްސަދު ވިދާޅުވިއެވެ.

އައްސަދު ވިދާޅުވީ 143 މިލިއަން ދޫކޮށްލެވުނު އިރު އެކަން ކުރަން ތިބި މީހުން އެއްވެސް މަންފާއެއް ނުވާ ގޮތަކަށް ދޫކޮށްލާނެ ކަމަކީ އިންސާނީ ބުއްދި ގަބޫލުކުރާނެ ކަމެއް ނޫންކަމަށާއި ތަހުގީގުކުރަމުން މިދަނީ އެބަޔަށްވެސް ފޯކަސްކޮށްގެން ކަމަށެވެ.

މުޅި އެމްއެމްޕީއާރްސީގެ މައްސަލައަށް ބަލާއިރު މިކަން ފުރަތަމަ ފެށިގެން އައީ ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ގޮތުގައި ފައިސާ ނަގުމަށްފަހު އެ ފައިސާ ދެއްކުމަށްޓަކައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކެއް ކުއްޔަށް ދީގެން، ލީސްގެ އެކުއިޒިޝަން ކޯސްޓްތަކެއް ނަގައިގެންކަމަށް އައްސަދު މިއަދު ވިދާޅުވިއެވެ.

އޭގެން އެ ސެޓްލްކޮށް އެކަހަލަ ސަކަރާތްތަކެއް މި ކުޅުނީ. އެގޮތަށް ބަލާކަމުގައި ވަންޏާ ސްޓޭޓް އޯންޑް ކުންފުނިތަކުން ނެގި ފައިސާ އަނބުރާ ދެއްކި ކަމަށް ބެލެވިދާނެ. އެއީ އެތަންތަނަށް ދެއްކިއްޖެ. އެހެން ނަމަވެސް އެ ފައިސާ ދެއްކީ ކޮން ފައިސާއަކުންތޯ ބަލާއިރު މި އަންނަނީ އެމްއެމްޕީއާރްސީގެ ފައިސާއިން މިދައްކަނީ،" އައްސަދު ވިދާޅުވިއެވެ.

އެހެންކަމުން އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ 77 މިލިއަން ޑޮލަރުވެސް ހިމެނޭ ކަމަށާއި ނުލިބި ދިޔަ އެއްޗަކީ ދޫކޮށްލަން ޖެހޭ އެއްޗެއް ނޫން ކަމަށާއި އެ ފައިސާ ހޯދަން ޖެހޭކަމަށް އައްސަދު ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓު ފައިނަލްވުމާއެކު ރަށްތަކުގެ ހަމަ އަގު ހޯދަން ފަށާނެ ކަމަށެވެ. އެގޮތުން އެއްބަސްވުން ބާތިލުކުރަން ޖެހޭ ރަށެއް އޮތް ނަމަ، ސަރުކާރުން އެކަން ކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.