މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން އާންމުކުރި "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރި މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރުވާން އެ ރިޕޯޓު ލިޔުމުގައި ބައިވެރިވި ދެ މީހުން ކަމަށްވާ ޝަހިންދާ އިސްމާއިލް އަށާއި ޑރ. އަޒްރާ ނަސީމަށް ޗިޓު ފޮނުވައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި ހަފްތާގެ ތެރޭގައި ފުލުހުން ބުނެފައި ވަނީ އެމްޑީއެންގެ ރިޕޯޓުގައި ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނާއި ހިލާފު ވާހަކަތަކާއި، އާންމުންގެ މެދުގައި ދީނީގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކާފައިވާ މައްސަލައާ ގުޅިގެން ތަހުގީގަށް ހާޒިރު ކުރަން ބޭނުންވާ މީހުންނަށް ޗިޓު ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލައިގައި އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ޝަހިންދާއާއި އަޒްރާއަށް ފުލުހުން ފޮނުވި ޗިޓާ އެ ދެ މީހުން މިހާރު ހަވާލުވެފައިވާކަން ކަށަވަރުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އެވެ. މިއަދު އިސްކަންދަރު ކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި އެ ޗިޓުގައި ވަނީ 14 ދުވަހުގެ ތެރޭގައި ތަހުގީގަށް ހާޒިރުވާން އެ މީހުންނަށް އަންގައިފައެވެ.

އެނގިފައިވާ ގޮތުގައި މިހާރު އަޒްރާ ދިރިއުޅެމުން ދަނީ ސްޕެއިންގައެވެ. އަދި ޝަހިންދާ ދިރިއުޅެނީ ޖަރުމަނުގައެވެ. އެމްޑީއެންގެ މައްސަލަ ފެންމަތިވި އިރުވެސް އޭނާ ހުރީ އެތަނުގައެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅޭ ދިރާސާއެއް ހެދުމަށް ފުލުހުން މި ހަފްތާގެ ތެރޭގައި ވަނީ ދީނީ އިލްމުވެރިންތަކަކާ ހަވާލުކޮށްފައެވެ. އެ ދިރާސާ ނިމޭނީ އަންނަ ހަފްތާގެ ތެރޭގައި ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.