19 Nov 2011, 11:12
އިންޑިޔާ ކަނޑުގައި އެއް ގައުމަކަށް ވުރެ އަނެއް ގައުމެއްގެ ބާރު ގަދަ ކުރުމަށް އިންޑިޔާ އާއި ޗައިނާ އިން ކުރަމުން އަންނަ މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާވެފައި ކަމަށް ދެކުނު އޭޝިޔާ ސަރަހައްދުގެ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ނިމިގެން ދިޔަ 17 ވަނަ ސާކް ސަމިޓް ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށް، ކުއްލިއަކަށް ވަރަށް އަވަސް އަރުވާލައިގެން ޗައިނާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވި ހުޅުވުމަކީ ވެސް އެފަދަ ކަމެއް ކަމަށް މިހާރު ދަނީ އަޑު ފެތުރެމުންނެވެ.
"ކޯލްޑްވޯ އިން ޕެރަޑައިސް، ޗައިނާ އިންޑިޔާ ވައި ފޯ މޯލްޑިވްސް" މިސުރުޚީގެ ދަށުން ރޮއިޓާސްގައި ލިޔެފައިވާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އިންޑިޔާ އާއި ޗައިނާއާ ދެ ގައުމުން ވެސް ދަނީ އެ ދެ ގައުމުގެ ބާރު ރާއްޖޭގައި ދައްކަމުންނެވެ. އަދި އޭޝިޔާގެ ބޮޑު ދެވާދަވެރިންގެ މެދުގައި ރާއްޖެ "ސޭންޑްވިޗް"ވެފައިވާ ކަމަށް ވެސް އެރިޕޯޓްގައި ވަނީ ސިފަކޮށްފަ އެވެ.
ރާއްޖޭގެ ދެ އޮފިޝަލަކާ ހަވާލާދީ އެރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޗައިނާގެ އެމްބަސީއެއް ރާއްޖޭގައި ބިނާކުރުމުގެ މަސައްކަތް ވެސް ކުރަމުން ދަނިކޮށް، ޗައިނާ އިން ރާއްޖޭގައި އެމްބަސީ ހުޅުވީ ތަނެއް ކުއްޔަށް ހިފައިގެންނެވެ. އަދި އެކަން އެގޮތަށް ކުރީ ކީއްވެތޯ ޗައިނާގެ ވަފުދުގެ އޮފިޝަލުންނާ ރޮއިޓާސް އިން ތަކުރާރުކޮށް ކުރި ސުވާލަށް ޖަވާބު ދެއްވުމަށް އެބޭފުޅުން ވަނީ އުޒުރުވެރިވެފަ އެވެ.
ނަން ހާމަނުކުރައްވާ އޭޝިޔާގެ ޑިޕްލޮމޭޓަކު ވިދާޅުވި ކަމަށް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ސާކް ސަމިޓް ފެށުމުގެ ކުރިން ޗައިނާ އިން ރާއްޖޭގައި އެމްބަސީ ހުޅުވީ އިންޑިޔާ އަށް މެސެޖެއް ދިނުމުގެ ގޮތުން ނުވަތަ ޖެއްސުން ކުރުމުގެ ގޮތުން ކަމަށް ގަބޫލުކުރެވެ އެވެ. އަދި ސާކްގައި ޗައިނާ އަށް ދީފައިވާ އޮބްޒާވާ ސްޓޭޓަސްގެ ދަރަޖައަށް ވުރެ މައްޗަށް، ޑައިލޮގް ޕާޓްނަރެއްގެ ދަރަޖައަށް ސާކާ އޮންނަ ގުޅުން ވަރުގަދަ ކުރުމަށް އެ ގައުމުން މަސައްކަތް ކުރާ ކުރުމަކީ ވެސް އެފަދަ ކަމެއް ކަމަށް ވެސް ރޮއިޓާސް އިން ވަނީ ސިފަކޮށްފަ އެވެ.
ޑިޕްލޮމެޓިކް ގޮތުން ޗައިނާ އިން ދައްކާލި ދައްކާލުމަށް ރައްދު ދިނުމުގެ ގޮތުން އިންޑިޔާ އިން ވަނީ އަސްކަރީ އަދި ސިޔާސީ ގޮތުން ބޮޑެތި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ސާކް ސަމިޓަށް ވަޑައިގެން ބޭފުޅުންގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް އައްޑު އަތޮޅުގައި އިންޑިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުތައް ހަރަކާތްތެރި ވުމާއި އިންޑިޔާގެ ބޮޑުވަޒީރު މާލެ އަށް ކުރެއްވި އެއް ދުވަހުގެ ޒިޔާރަތާއި އިންޑިޔާ އިން ރާއްޖެ އަށް ދިން 100 މިލިޔަން ޑޮލަރުގެ ކްރެޑިޓް ލައިނަކީ ވެސް އެގޮތުން އެޅި ފިޔަވަޅެއް ކަމަށް ރިޕޯޓްގައި ސިފަކޮށްފައިވެ އެވެ.
އަދި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލަކާ ހަވާލާދީ އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޗައިނާގެ ނުފޫޒު ރާއްޖޭގައި އިތުރުވުމަކީ އިންޑިޔާއެކޭ އެއްފަދަ އިން އެމެރިކާ ވެސް ކަންބޮޑުވާ ކަމެކެވެ.