17 Jun 2010, 14:38
19:00
ގަލްފް އޮފް މެކްސިކޯގައި، ތެޔޮނެގުމުގެ މަސައްކަތް ކުރަމުންދިޔަ އޮއިލް ރިގެއް ގޮވައި، އެސަރަޙައްދަށް ބޭރުވަމުންދާ ތެލުގެ ސަބަބުން އެމެރިކާއަށާއި، އެސަރަޙައްދުގެ ތިމާވެށްޓަށް ކުރިމަތިވެފައިވާ ނުރައްކަލާމެދު ރައީސުލްޖުމްހޫރިއްޔާ މުޙްނަމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި ސިޓީފުޅެއްގައި، މިއީ އެމެރިކާގެ ތާރީޚްގައި އެޤައުމަށް ތިމާވެށީގެ ގޮތުން ކުރިމަތިވި އެންމެ ބޮޑު ނުރައްކާކަން ފާހަގަ ކުރައްވައި، މިކަމުގެ ނުރައްކާ ކުރިމަތިވެފައިވާ ހުރިހާ ފަރާތްތަކަކަށް ހަމްދަރްދީ ފޮނުއްވާފައިވެ އެވެ. އަދި މިކަން ހުއްޓުވުމަށް އެމެރިކާ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވައި، ގަލްފް އޮފް މެކްސިކޯއަށް ބޭރުވަމުންދާ ތެޔޮ ބޭރުވުން އަވަހަށް ހުއްޓުވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.
މި ހާދިސާއިން ދުނިޔޭގެ ދިރުމުގެ ނާޒުކުކަން ހަނދާން ކޮށްދިނުމުގެ އިތުރުން، ތިމާވެށްޓާއި ރައްޓެހި ޢިއާދަކުރަނިވި ހަކަތައިގެ މަގު ޚިޔާރުކުރުމުގެ މުހިންމުކަން އިތުރުވެފައިވާ މިންވަރުވެސް ހާމަކޮށްދޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.
މީގެއިތުރުން، ތިމާވެށްޓާ ރައްޓެހި ހަކައިތައިގެ ބޭނުން ކުރުން އިތުރުކޮށް މޫސުމަށް އަންނަ އާދަޔާ ޚިލާފް ބަދަލުތައް ހުއްޓުވުމަށް ރައީސް ބަރަކް އޮބާމާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ސަބަބުން، މިމައްސަލައަށް ޙައްލެއް ހޯދުމުގެ އުއްމީދު އާވެފައިވާ ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި މިކަމުގައި ޝާމިލްވާ އެމެރިކާގެ ހުރިހާ ފަރާތްތަކަކުންވެސް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި، ރައީސް އޮބާމާ ގެންގުޅުއްވާ ތަޞައްވުރަށް ތާއީދު ކުރައްވައި، ތިމާވެށްޓާ ރައްޓެހި ހަކަތައިގެ މަގު ޚިޔާރުކުރުމުގެ މުހިންމުކަން ބަލައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.