24 Oct 2019, 19:00
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަޒަރުބައިޖާންއަށް ވަޑައިގެންފިއެވެ.
މިނިސްޓަރު މިހާރު ހުންނެވީ އަޒަރުބެއިޖާންގެ ވެރިރަސް ބަކޫގައެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރުގެ ދަތުރަކީ ނޮން އެލައިންޑް މޫވްމަންޓްގެ 18 ވަނަ ސަމިޓްގައި ބައިވެރިވެލެއްވުމަށް ކުރެއްވި ދަތުރެއް ކަމަށެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން މިނިސްޓަރު ތަގުރީރެއް ދެއްވާނެކަަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެ ހިމެނޭ ނޮން އެލައިންޑް މޫވްމަންޓްއަކީ އެމެރިކާއާ ރަޝިއާއާ ދެމެދު ފިނި ހަނގުރާމަ ހިނގި ދުވަސްވަރު، ވަކި ކޮޅަކަށް ނުޖެހޭ ގައުމުތަކުން ގުޅިގެން އުފެއްދި އިއްތިހާދެކެވެ. އެ އިއްތިހާދު އުފެއްދީ 1961 ވަނަ އަހަރުއެވެ.
އޮނަތިރީސް ގައުމާއެކު ފެށި އެ އިއްތިހާދުގައި މިހާރު 120 ގައުމު ހިމެނެއެވެ.
އެ އިއްތިހާދުގެ ރިޔާސަތު މިހާރު ބަލަހައްޓަމުންދަނީ ވެނެޒުއޭލާއިންއެވެ.