މިއަހަރުގެ ހަތަރު ވަނަ ޔޫތް ލީޑާސް ފޯރަމް އއ.މަތިވެރީގައި މިއަދު ފަށައިފި އެވެ.

މަތިވެރީގައި މިއަދު ފެށި ފޯރަމްގައި އަތޮޅުގެ އަށް ރަށަކުން ދަރިވަރުން ހިމެނޭގޮތަށް 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެ އެވެ. ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ދެނީ ކޮލެޖް، ޔުނިވާސިޓީ އަދި މަތީ ސާނަވީ ދަރިވަރުންނަށެވެ.

ނަމަވެސް މިފަހަރުގެ ފޯރަމްގައި އެހެން ބައެއް ޒުވާނުންނަށްވެސް ފުރުސަތު ދީފަިއވާކަމަށްވެސް ހޯމް މިނިސްޓްރީން ބުންޏެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ފޯރަމްގައި ބައިވެރިވެފައިވަނީ މަތިވެރީގެ އިތުރުން ތޮއްޑޫ، ރަސްދޫ، އުކުޅަސް، ބޮޑުފުޅުދޫ، މާޅޮސް، ހިމަންދޫ އަދި ފެރިދޫންނެވެ.

ހޯމް މިނިސްޓްރީން ބުނީ އެ ފޯރަމްގައި ތަފާތު އަށް ދާއިރާއަކުން ސެޝަންތައް ނަގައިދިނުމަށް ވަނީ ހިމަނާފަ އެވެ.

އޭގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ކޮމިއުނިޓީ އެންގޭޖްމަންޓް އަދި ކޮމިއުނިކޭޝަން ސްކިލްސް ސެޝަނާއި، ނޭޝަނަލް ޑްރަގް އެޖެންސީގެ ސެޝަނާއި، ކައުންޓާ ރެޑިކަލައިޒޭޝަން އެންޑް ރިހިބިލިޓޭޝަން ސެޝަނާއި، ގައުމިއްޔަތު ދިރުވާ އާލާކުރުމުގެ މައްޗަށް ހެރިޓޭޖު މިނިސްޓްރީން ކުރިއަށްގެންދާ ސެޝަނާއި، ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ މުހިންމުކަމުގެ މައްޗަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ ސެޝަން ހިމެނެ އެވެ.

އޭގެ އިތުރުން ކެރިއާ ގައިޑެންސް ޕްރޮގްރާމްތަކާ ގުޅޭގޮތުން ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ ސެޝަނަކާއި ދިވެހި މަސްވެރިންގެ ޖަމްއިއްޔާގެ ފަރާތުން މިފޯރަމްގައި ބައިވެރިވެ، މަސްވެރިކަމުގެ މުހިއްމު މައުލޫމާތާއި، މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ނަމޫނާ ޒުވާނަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކުރާނެ އެވެ.

ފޯރަމްގެ ތެރެއިން ޔޫތް ލީޑާސް ނެޓްވޯކާ ގުޅޭ މައުލޫމާތުވެސް ހިއްސާކުރާނެ އެވެ. ޔޫތް ލީޑާސް ނެޓްވޯޯކަކީ ހޯމް މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ޒިންމާދާރު ރައްޔިތެއް ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން ޒުވާނުންނަށް އިސްކަންދީގެން އުފައްދާފައިވާ ނެޓްވޯކެކެވެ.

އެ ނެޓްވޯކަކީ ޔުނިވަސިޓީ، ކޮލެޖްތަކުގެ ދަރިވަރުން އެކުލެވޭ ގޮތަށް އުފައްދާފައިވާ ނެޓްވޯކެކެވެ. މިއަހަރުގެ ފުރަތަމަ ފޯރަމް ބޭއްވީ ހއ.ހޯރަފުށީގަ އެވެ. ދެވަނަ ފޯރަމް ބޭއްވީ ހުޅުމާލޭގަ އެވެ. ތިންވަނަ ފޯރަމް ބޭއްވީ ގދ. ތިނަދޫގަ އެވެ.