އޭސީ މިލާނަށް ކުޅެމުންދާ ބްރެޒިލް ފޯވާޑް ރޮބީނިއޯ ފުޓުބޯޅަ ކުޅުން ހުއްޓާލަން ބޭނުމީ އެ ކުލަބުގައި ހުރެކަމަށް އޭނާ ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ރޮބީނިއޯ ރެއާލް މެޑްރިޑަށް ކުޅުމަށް ފަހު މެންޗެސްޓާ ސިޓީ އަށް ބަދަލުވުމަށް ފަހު ގިނަ އުނދަގޫތަކަކާއި ކުރިމަތިލާފައި ވެއެވެ. ނަމަވެސް އޭސީ މިލާނަށް ބަދަލުވުމަށް ފަހު ރޮބީނިއޯ ދަނީ ރަނގަޅު ކުޅުމެއް ދައްކަމުން ނެވެ.

"މިލާނުގެ މުހިންމު ކުޅުންތެރިއަކަށް ވާތީ އަހަރެން އުފާކުރަން. މިލާނުގައި އަހަރެން މިހިރީ އުފަލާއެކު. ކޯޗު އަލެގްރީ އަށް އަހަރެން ބޭނުންކޮށް ލަނޑު ކާމިޔާބު ކުރާނެ ގޮތް ވަރަށް ރަނގަޅަށް އެނގޭ. ކުރިއަށް އޮތް ދިހަ އަހަރު ކުޅެ ރިޓަޔާ ކުރަން ބޭނުމީ ވެސް މިލާނުގައި ހުރެ." ރޮބީނިއޯ ބުންޏެވެ.

ނޭމާ މިސާލެއް ކަމުގައި ދެކޭ ރޮބީނިއޯ ބޭނުންވަނީ މިސީޒަން ޗެމްޕިއަންސް ލީގު މިލާނަށް ލިބުމަށް އެހީތެރިވެ ދިނުމަށެވެ. ރޮބީނިއޯ ހޯދުމަށް އޭނާގެ ކުރީގެ ކުލަބް ސަންޓޯސް އިން ވެސް ވަނީ މަސައްކަތް ފަށާފައެވެ.