24 Oct 2019, 14:32
ތަހުގީގު އިދާރާތަކުން ތަހުގީގު ކުރުމެއް ނެތި އަމިއްލަ ފެނުމަކަށް ސުޕްރީމް ކޯޓަށް އަދި އެހެން ކޯޓަކަށްވެސް ސުމޯޓޯ މައްސަލަތައް ނުހިންގޭނެ ކަމަށް ގާނޫނުގައި ސާފުކޮށް ލިޔަން ދައުލަތުގެ ކަމާގުޅުން ހުރި އިދާރާތަކަށް އަންގަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން އިސް ނަގައިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާ ދެކޮޅަށް ހިންގި ސުމޯޓޯ މައްސަލަ ނިންމައި 2015 ވަނަ އަހަރު އެ ކޯޓުން ވަނީ އެޗްއާރުސީއެމްއިން އަމަލު ކުރާނެ ގޮތުގެ ގައިޑްލައިނެއް ކަނޑައަޅާފަ އެވެ.
އެމައްސަލަ އަލުން ފެންމަތިކޮށްފައިވަނީ 19 ވަނަ މަޖިލީހުންނެވެ. މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އޭރު އެޗްއާރުސީއެމްގެ މެމްބަރަކަށް ހުންނެވި ޖީހާން މަހުމޫދު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅީ ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓަށް ލިބިފައި ނުވާ ބާރެއް ބޭނުންކޮށްގެން ސުމޯޓޯ މައްސަލަ ހިންގައި އެޗްއާރުސީއެމްގެ ބާރު ކަނޑުވާލާފައިވާތީ އެވެ.
އެމައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ނިންމައި އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ސުމޯޓޯ މައްސަލަ ހިނގާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނަންގަވައިގެން އުޅޭ ބާރެއް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
"ތަހުގީގު އިދާރާއަކުން ތަހުގީގު ކުރުމެއް ނެތި ދައުވާ އުފުލުމެއް ނެތި. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަންގަވައިގެން ސުމޯޓޯކޮށް ގާނޫނުއަސާސީއާ ހިލާފަށް ހުކުމްތައް ނެރުއްވަމުން ދާތީ. އެއީ ސުޕްރީމް ކޯޓަށް އަދި އެހެންވެސް ކޯޓަށް ނުކުރެވޭނެ ގާނޫނުއަސާސީއާ ހިލާފު އަމަލެއް ކަމާއި. އަދި އެއީ ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނަންގަވައިގެން އުޅޭ ބާރަކަށް ވާތީ. އެ ބާރު އެގޮތަށް ސުޕްރީމް ކޯޓަށް ލިބިގެން ނުވާކަން ސާފުވާގޮތަށް ގާނޫނުގައި ބަޔާން ކުރުމަށް،" ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ލިބިފައިވާ ބާރުތައް ސުމޯޓޯގެ ބޭނުންކޮށްގެން ސުޕްރީމް ކޯޓުން ނިގުޅައިގަނެފައިވާތީ ކުރިއަށް އޮތްތަނުގައި އެކަން އެގޮތަށް ވިޔަ ނުދިނުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްވެސް ޖުޑިޝަރީ ކޮމިޓީއިން ވަނީ އަންގާފަ އެވެ.
އަދި އެޗްއާރުސީއެމުން އަމަލުކުރަން ޖެހޭނެ ގައިޑްލައިނެއް ކަމަށް ބުނެ ސުޕްރީމް ކޯޓުން އެކުލަވާލި ގައިޑްލައިނަށް އަމަލު ކުރަން ނުޖެހޭނެ ގޮތަށް ގާނޫނުތަކަށް ބަދަލުގެނައުމަށް ވެސް ޖުޑިޝަރީ ކޮމިޓީއިން އެންގި އެވެ.
ޖުޑިޝަރީ ކޮމިޓީއިން އެދިފައިވަނީ އެމައްސަލަތަކަށް ވީހާވެސް އަވަސް ހައްލެއް ހޯދައި ދިނުމަށެވެ. އެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވައި ފާސްކުރަން ޖެހޭނެ އެވެ.
ސުޕްރީމް ކޯޓުގެ އިހްތިސާސް އޮޅޭ ގޮތަށް އަދި ޝަރުއީދާއިރާއަށް ބުރޫއަރާނެ އެއްވެސް ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށާއި ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެޗްއާރްސީއެމްގެ މެމްބަރުންނަށް ސުޕްރީމް ކޯޓުން އޭރު އެންގި އެވެ. އޭރުވެސް އެކަމަށް ރައްޔިތުން ފާޑު ކިޔެވެ.