އެމެރިކާގެ މަޝްހޫރު ފުޓް ވެއާ ބްރޭންޑް ސްކެޗާސްގެ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

މި ފިހާރަ ހުޅުއްވައިދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ރާއްޖޭގެ ދުވުންތެރިން ކަމަށްވާ ހަސަން ސާއިދު އަދި މަރިޔަމް އަބްދުލްހަކީމް އެވެ.

މަޖީދީމަގު ގައި ހުޅުވި މި ފިހާރައަކީ އެތްލީޓުންނަށް ހާއްސަ ބޫޓާއި ކެޝުއަލްކޮށް އަރަން ކަމުދާނެ ބޫޓު ވިއްކާ ފިހާރައެކެވެ. މި ފިހާރައިން އަންހެނުންނަށާއި ފިރިހެނުންނަށް އަދި ކުޑަކުދިންގެ ބޫޓުވެސް ވިއްކާނެ އެވެ.

ނަވާރަސަތޭކަ ނުވަދިހަ ދެވަނަ އަހަރު އުފެއްދި ސްކެޗާސް ކުންފުނިން ދެ ކެޓަގަރީއެއްގެ ބޫޓު އުފައްދައި ވިއްކަ އެވެ. އެއީ ލައިފްސްޓައިލް އަދި ޕާފޯމަންސް ޑިވިޝަން އެވެ.

ސްކެޗާސްގެ ރާއްޖޭގެ ފިހާރައިގެ އިންޗާޖު އަބްދުﷲ މުހައްމަދު ވިދާޅުވީ ސްކެޗާސްގެ ފިހާރައެއް ރާއްޖޭގައި ހުޅުވީ މީގެކުރިން ސްޓޯ ވިތް އިން ސްޓޯ ކޮންސެޕްޓުގައި އެ ބްރޭންޑުގެ ބޫޓު ވިއްކި އިރު ލިބުނު ތަރުހީބާއެކު ކަމަށެވެ.

ރާއްޖެއަކީ ކުޑަ ގައުމެއްވިޔަސް ބްރޭންޑެޑު ކޮލެޓީ އުފެއްދުންތަަކަށް ދިވެހިން ލޯބިކުރާ ކަމަށާއި ސްކެޗާސްގެ މަގުސަދަކީ ދިވެހިން ބޭނުންވާފަދަ އުފެއްދުންތައް ދިވެހި މާކެޓަށް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.