އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމަނައި، ރިޕޯޓެއް ނެރުނު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގައި މަސައްކަތް ކުރެއްވި މީހުންގެ މައުލޫމާތު ހޯދުމަށް އިދިކޮޅު ފަރާތްތަކުން ޔޫތް މިނިސްޓްރީއަށް ސިޓީއެއް ހުށަހަޅައިފި އެވެ.

އިދިކޮޅުގެ ފަރާތުން މި ސިޓީ މިނިސްޓްރީއަށް މިއަދު ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) އެވެ.

އެ ސިޓީގައި ބުނެފައިވަނީ ޖެނުއަރީ 1، 2014 އިން ފެށިގެން މި މަހުގެ 19 ވަނަ ދުވަހާ ހަމަޔަށް އެމްޑީއެންގައި މަސައްކަތް ކުރެއްވި ފަރާތްތަކުގެ ނަމާއި އައިޑީކާޑު ނަމްބަރާއި ދާއިމީ އެޑްރެސް އެނގޭނެ ލިސްޓެއް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.

އެ ސިޓީ ހުށަހެޅުމަށް އިދިކޮޅު ސަޕޯޓަރުންނާއެކު ވެލާނާގޭ ކައިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްމަބަރު އަހްމަދު ޝިޔާމް ވިދާޅުވީ، އެމްޑީއެންގައި މީގެ ކުރިން މަސައްކަތް ކުރިއްވި މީހުން ސަރުކާރުގެ އެކި މަގާމުތަކުގައި އެބަ ތިއްބެވި ކަމަށް ވާހަކަ ދެކެވޭ ކަމަށެވެ. އެގޮތުން ޕޮލިސް ކޮމިޝަނަރު، މުހައްމަދު ހަމީދު މީގެ ކުރިން އެމްޑީއެންގައި ކުޑަ ދުވަސް ކޮޅަކު މަސައްކަތް ކުރެއްވި ކަމަށް ފުލުހުން އެއްބަސް ވެފައިވާ ކަމަށެވެ. އެހެން ކަމުން ސިޓީ ހާވާލުކުުރުމުގެ ބޭނުމަކީ އެކަމުގެ ހަގީގަތްތައް ހޯދުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ތަހުގީގު ކުރުމުގެ ނަމުގައި އެމްޑީއެން އުވާލުން ލަސްވާ ލަސްވުމަކީ ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ނޫން. ވަރަށް ސާފު ކޮށް މިކަން މިއޮތީ އެނގެން. ތަހުގީގު ކުރާނެ އިތުރު އެއްޗެއް ނެތް. މިހާރުން މިހާރުން އެމްޑީއެން އުވާލައި، ސަރުކާރުގެ ބޮޑެތި ވަޒީފާގައި ތިބި [އެމްޑީއެންގައި މަސައްކަތް ކުރި] މީހުން މިހާރުން މިހާރަށް ވަކި ކުރަން ޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، އެފަރާތްތައް ވަޒީފާއިން ވަކިކޮށް އެ މީހުންގެ މަސްލަހަތުތައް ބަލަން ޖެހޭނެ ކަމަށާއި ރައްޔިތުން އެދޭ ގޮތަކީ އެއީ ކަމަށެވެ. އަދި އިދިކޮޅުން އަދާ ކުރަނީ އިދިކޮޅުގެ ޒިންމާކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިދިކޮޅު ކޯލިޝަނަނުން ބުނީ އެމްޑިއެން އުވާލަންންދެން ސަރުކާރަށް ޕްރެޝަރު ކުރާނެ ކަމަށެވެ. އަދި މިރޭ އިދިކޮޅުން ވަނީ އެޕާޓީ އޮފީސް ދޮށުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ބައިވެރިވެވަޑައިގަންނަވާ އެއްވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

އެމްޑީއެންއިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓަކީ، ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. ރިޕޯޓުގައި، އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ބައެއް ވާހަކަތައް ހިމެނޭތީ އެ ޖަމިއްޔާ އުވާލުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އެމްޑީއެންގެ މައްސަލަ ފުލުހުންވެސް މިހާރު އަންނަނީ ބަލަމުންނެވެ.

އެމްޑީއެން އުވާލުމަށް ގޮވާލާ އިދިކޮޅުން އެއްވުމެއް ބޭއްވުމަށް ނިންމި އިރު، ފުލުހުން މިދިޔަ އާދިއްތަ ދުވަހު ނެރުނު ނޫސް ބަޔާނުގައި ބުނީ، އެމްޑީއެން ރިޕޯޓުގެ މައްސަލަ އިން ބަޔަކު ނާޖާއިޒް ފާއިދާ ނަގަމުންދާ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ، އެ އަކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ސަރުކާރުން ވަނީ އެ މައްސަލަ ބަލައި ނިމެދެން ވަގުތީ ގޮތުން އެ ޖަމިއްޔާ ސަސްޕެންޑްކޮށްފަ އެވެ.