24 Oct 2019, 13:35
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނުއަސާސީއާ ހިލާފު މައްސަލަތަކެއް ބަލާފައިވާ ކަމަށް ނިންމައި އެއީ ފަނޑިޔާރު ކަމުން ވަކިކުރެވިދާނެ ހާލަތެއް ކަމަށް ބުނެ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނުއަސާސީ އަދި ގާނޫނުތަކާ ހިލާފަށް ނިންމާފައިވާ މައްސަލަތަކާއި ގުޅިގެން ޖޭއެސްސީއިން މީގެ ކުރިން ވަނީ ރިޕޯޓެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. އެ ރިޕޯޓު ދިރާސާކޮށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ވަނީ ގާނޫނާ ހިލާފުވި މައްސަލަތައް އަދި އިތުރުކޮށްފަ އެވެ.
އެގޮތުން ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް ކޮށްފައިވާ ހަތް ކަމެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފާހަގަކުރެވޭތީ އެކަން ރިޕޯޓުގައި ވަނީ ހިމަނާފަ އެވެ. އޭގެތެރޭގައި 2013 ވަނަ އަހަރު ބޭއްވި އިންތިހާބުގެ ވޯޓު ސުޕްރީމް ކޯޓުން ބާތިލު ކުރި މައްސަލަ ހިމެނެ އެވެ.
ވަގުތީ އުއްތަމަ ފަނޑިޔާރުގެ ނަމުގައި ސިޓީ ފޮނުވި މައްސަލަ
- 2008 ވަނަ އަހަރު ވެރިކަން ބަދަލުވެ، މަޖިލީހުގައި ތިއްބަވާ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުވާ މެމްބަރުން ބަދަލު ކުރުމުން އެކަން ހުއްޓުވި މައްސަލަ
- 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ބާތިލު ކުރި މައްސަލަ
- ސުޕްރީމް ކޯޓާ މެދު ފާޑު ކިޔުމުން ޖިނާއީ ދައުވާ އުފުލި މައްސަލަ
- ޑރ އަފްރާޝީލް އަލީގެ ވާރިސުން، ގާތިލު ހުސައިން ހުމާމް އަހުމަދު މަރަން ބޭނުން ނުވާ ކަމަށް ބުނެފައި ވަނިކޮށް މަރަން ހުކުމް ކުރި މައްސަލަ
- އިންތިގާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ދާއިމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށް ދައުވާ ކުރި މައްސަލަ
ޖޭއެސްސީއިން އެކުލަވާލި ރިޕޯޓުގައި ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް ނިންމާފައިވާ 17 މައްސަލައެއްގެ ވާހަކަ ވަނީ ފާހަގަކޮށްފަ އެވެ.
ޖުޑިޝަރީ ކޮމިޓީއިން އެ ރިޕޯޓު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ގާނޫނޫއަސާސީއާ ހިލާފަށް އަމަލުކުރާތީ އެކަމުން ރައްޔިތުންނަށް އަނިޔާ ލިބެމުން ދާ ކަމަށެވެ.
"ސުޕްރީމް ކޯޓުން ގާނޫނުއަސާސީއާ ހިލާފަށް އަމަލުކުރައްވަމުން ގެންދަވާތީ އެކަމުން ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާއި ގެއްލުމުގެ ވާހަކައާއި ކަންބޮޑުވުން ރާއްޖޭގެ ގިނަ ރައްޔިތުން ފާޅުކުރައްވަމުން ގެންދަވާކަން ކޮމިޓީއިން ފާހަގަކުރަން." ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނިންމި މައްސަލަތައް ފަނޑިޔާރުން ބަލާފައިވަނީ ނުފޫޒުން އެއްކިބާވެގެންކަން ބެލެވެން ނެތް ކަމަށެވެ. އަދި އެފަނޑިޔާރުންގެ ގާބިލުކަމާ މެދު ސުވާލު އުފެދޭ ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
"މިކަންކަން މިހެން ހުރުމަކީ އެ ފަނޑިޔާރުން މަގާމުން ވަކިކުރެވޭނެ ހާލަތެއް ކަމަށް ވީހިނދު. މި ސަބަބުތަކުގެ މައްޗަށް ބިނާކޮށް އެ ފަނޑިޔާރުންގެ ޖުޑިޝަލް ސާވިސް ކޮމިޝަނުން ބައްލަވައިދެއްވާ އެ ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުއްވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނަށް އަންގަން" ޖުޑިޝަރީ ކޮމިޓީން ނިންމާފައިވެ އެވެ.
އެގޮތަށް ނިންމާފައި ވަނީ ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި ހަ މެމްބަރުންގެ އިއްތިފާގުންނެވެ.
އެމައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވައި މައްސަލާގައި ތަޅުމުން ގޮތެއް ނިންމައިދިނުމަށް ކޮމިޓީއިން ވަނީ އެދިފަ އެވެ. މަޖިލީހުގެ ތަޅުމުން އެ ރިޕޯޓު ފާސްކޮށްފި ނަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބަލަން ޖޭއެސްސީއިން މަޖިލީހަށް ހުށަހަޅާނެ އެވެ.
ޖުޑިޝަރީ ކޮމިޓީއިން އެގޮތަށް ނިންމާފައިވާއިރު ޖޭއެސްސީއިން މިހާރުވެސް ދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީގެ މައްސަލަތަކެއް ބަލަމުންނެވެ.