ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ ބަލާ އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީއިން ނެރުނު އިއުލާނެއްގައި ބުނީ، މައްސަލަ ބަލާ އަޑުއެހުން ހުޅުވާލައިގެން ކުރިއަށް ގެންދަން ފަނޑިޔާރު އާދަމް މުހައްމަދު އެދިވަޑައިގެންފައިވާ ކަމަށެވެ.

އެހެންކަމުން، އަންނަ އާދީއްތަ ދުވަހުގެ މެންދުރު 2:00 ގައި އެ އަޑުއެހުން ހުޅުވާލައިގެން ބާއްވަން ނިންމާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ. އެ އަޑުއެހުން އޮންނާނީ ޕޯސްޓް ބިލްޑިންގެ ހަވަނަ ފަންގިފިލާގަ އެވެ.

އަޑުއެހުމަށް ވަދެވޭނީ އައިޑީ ކާޑާ އެކު ގަޑިޖެހުމުގެ 15 މިނެޓު ކުރިން އައުމުންނެވެ.

މީގެ ކުރިން ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ ބަލައި ޖޭއެސްސީއިން ވަނީ އޭނާއަށް ނަސޭހަތް ދޭން ނިންމައިފަ އެވެ. އެކަމަކު، އެ ނަސޭހަތް އޭނާ ގަބޫލުފުޅެއް ނުކުރައްވަ އެވެ.

ޖޭއެސްސީއިން މިހާރު ބަލަމުން އަންނަނީ އެ މައްސަލަ އެވެ.

އާދަމް މުހައްމަދުގެ އަޑުއެހުން ހުޅުވާލައިގެން ކުރިއަށްގެންދަން ނިންމާފައިވާއިރު އެ ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ އެއްވެސް ޖޭއެސްސީއިން އަންނަނީ ބަލަމުންނެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި އެ ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދެވެ.