ދުނިޔޭގެ އެކި ގައުމުތަކުގައި ވިޔަފާރިކުރަން ފަސޭހަ މިންވަރު ދެނެގަތުމަށް އަހަރަކު އެއް ފަހަރު ހަދާ ވޯލްޑް ބޭންކުގެ ޑުއިންގް ބިޒްނަސް އިންޑެކްސްގައި ރާއްޖެ، އަށް ދަރަޖަ ދަށަށް ހިނގައްޖެ އެވެ.

އެ ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރުގެ ޑުއިން ބިޒްނަސް އިންޑެކްސްގައި ރާއްޖެ އޮތީ، 147 ވަނައިގަ އެވެ. މިދިޔަ އަހަރުގެ އެ ލިސްޓުގައި ރާއްޖެ އޮތީ 139 ވަނައިގަ އެވެ.

ޑުއިންގް ބިޒްނަސް އިންޑެކްސްގައި ރާއްޖެ ދަށަށް ދިއުމާއެކު ވޯލްޑް ބޭންކުން މިއަހަރު ރާއްޖެއަށް ދީފައިވާ ސްކޯ ވެސް ވަނީ މިދިޔަ އަހަރު ލިބުނު ސްކޯއަށް ވުރެ 1.13 ސްކޯ ދަށްވެފަ އެވެ. މިދިޔަ އަހަރު 54.43 ގެ ސްކޯއެއް ރާއްޖެއަށް ލިބުނުއިރު، މިއަހަރު ލިބިފައިވަނީ 53.3 ގެ ސްކޯއެކެވެ.

ޑުއިން ބިޒްނަސް އިންޑެކްސްގައި ރާއްޖޭގެ މައުލޫމާތުތައް ހިމަނާފައިވަނީ ހަމައެކަނި މާލޭގެ ކަންތައްތައް ދިރާސާ ކުރުމަށްފަހު އެވެ. އެ ރިޕޯޓު އެކުލަވާލުމުގައި ވޯލްޑް ބޭންކުން ބަލާ މައިގަނޑު 11 ކަމަކީ:

  • ވިޔަފާރިއެއް ފެށުން

  • ވަޒީފާ ދިނުން
  • އިމާރާތް ކުރުމުގެ ހުއްދަ ހޯދުމުގެ ކަންތައްތައް
  • ކަރަންޓު ލިބިގަތުން
  • ޕްރޮޕަޓީއެއް ރަޖިސްޓްރީ ކުރުން
  • ކްރެޑިޓް ލިބިގަތުން
  • މައިނޯރިޓީ އިންވެސްޓަރުން ހިމާޔަތް ކުރުން
  • ޓެކްސް ދެއްކުން
  • އިމްޕޯޓް އަދި އެކްސްޕޯޓް ކުރުން (ޓްރޭޑިންގ އެކްރޮސް ބޯޑަރ)
  • ކޮންޓްރެކްޓް އެންފޯސް ކުރުން
  • (ވިޔަފާރީގެ) މައްސަލަތައް ހައްލު ކުރުން

މިއަހަރު ނެރުނު ރިޕޯޓުގައި ރާއްޖޭގެ ވިޔަފާރިއަށް އައި ބަދަލުތަކާ ބެހޭގޮތުން އިތުރު ތަފްސީލެއް ހިމަނާފައެއް ނުވެ އެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މީރާއިން އޮންލައިންކޮށް ޓެކްސް ބަލައިގަތުމުގެ ނިޒާމެއް ތައާރަފް ކުރުމާއި ކަރަންޓުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވުން ބަޔާންކޮށްފައިވެ އެވެ.

ޑުއިންގް ބިޒްނަސް އިންޑެކްސްގައި އަވައްޓެރި އިންޑިއާ ވަނީ މިއަހަރު 14 ދަރަޖަ މައްޗަށް ޖެހިލާފަ އެވެ. އެއާއެކު މިއަހަރުގެ ރިޕޯޓުގައި އިގުތިސާދު އެންމެ ބޮޑަށް ކުރިއަރަމުން އަންނަ 10 ގައުމުގެ ތެރޭގައި އިންޑިއާ ވަނީ ހިމެނިފަ އެވެ.

ޑުއިންގް ބިޒްނަސް އިންޑެކްސްގެ އެންމެ މަތީ ފަސް މަގާމުގައި އޮތީ ނިއުޒިލެންޑް، ސިންގަޕޫރު، ހޮންގްކޮންގް، ޑެންމާކް އަދި ކޮރެއާ އެވެ.