ހިލޭ ޑިގްރީއަށް ކިޔަވަދޭން މިހާތަނަށް 24 މިލިއަން ހަރަދުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްވެސް މެއެވެ. އެކަމަށް މިއަހަރުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށީ މިއަހަރުގެ ކުރީކޮޅުއެވެ. އަދި އޭގެ ކުރިން ކޯސްފީއަށް ދަރިވަރު ދެއްކި ފައިސާ ފަހުން ވަނީ ރިފަންޑްކޮށްދީފައެވެ.

ހިލޭ ޑިގްރީއަށް ކިޔެވޭ ޕްރޮގްރާމްގެ ފުރުސަތު ލިބެނީ އަލަށް ފުރަތަމަ ޑިގްރީއަށް ކިޔަވާ ފަރާތްތަކަށް އެކަންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި އިއްޔެ ހަޔަ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އައިޝަތު ޝަފީނާ ވިދާޅުވީ ހިލޭ ޑިގްރީއަށް 5679 ދަރިވަރުން މިހާރު ކިޔަވަމުންދާ ކަމަށެވެ.

ޝަފީނާޒް އިތުރަށް ވިދާޅުވީ ރިފަންޑު ހޯދުމަށް 1،691 ފޯމް އަދި ފައިސާ ދެއްކުމަށް ޔުނިވާސިޓީތަކާއި ކޮލެޖުތަކުން 3،089 ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށުމުން ސަރުކާރުގެ ދެ ޔުނިވާސިޓީ ކަމަށްވާ ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީން ހިލޭ ކިޔެވެއެވެ. އަދި ރާއްޖޭގައި ހިންގާ ޕްރައިވެޓް ކޮލެޖުތަކުގެ ކޯސް ފީތަކުން ވަރަށް ބޮޑުބައެއްވެސް ދައްކައިދެއެވެ.

ހިލޭ ޑިގްރީއަށް ކިޔެވޭ ފުރުސަތުގެ ދަށުން ޑޮކްްޓަރުކަންވެސް މިހާރު ހިލޭ ކިޔެވެއެވެ.