ބިޑްކުރުމަކާ ނުލައި، ދައުލަތުގެ މަޝްރޫއުތައް އެކި ފަރާތްތަކަށް ހަވާލުކުރުމަކީ، އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ ކަމެއްކަން ފާހަގަކޮށް، އެކަމާ މެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބިޑް ނުކޮށް ދައުލަތުގެ މަޝްރޫއުތައް ދިނުމަކީ ކޮރަޕްޝަނަށް މަގުފަހިވުމުގެ އިތުރުން ދައުލަތުގެ މާލިއްޔާއަށް އިންތިހާއަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.

"އަދި، މިކަމަކީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގެ ރޫހާ ހިލާފަށްކުރާ، ކޮރަޕްޝަންގެ ހިރާސްއޮތް [ފުރުސަތު ބޮޑު] ކަމަކަށްވާތީ، މި ކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެކެވެ." އޭސީސީން ބުނެފައިވެ އެވެ.

އޭސީސީން ވަނީ ދައުލަތުގެ ޕްރޮކިއުމަންޓް ކަންތައްތައް ކުރިޔަށް ގެންދިއުމުގައި ދެފުށްފެންނަ، ހާމަކަންބޮޑު އަދި ވާދަވެރި ބީލަމެއްގެ ތެރެއިން ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ.

އޭސީސީން މިއަދު ބަޔާނެއް ނެރެފައި ވާއިރު މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރަން ގުޅީފަޅުން ބިން ހިއްކުމަށް ބިޑަކާ ނުލާ އެވޯޑް ކުރި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އަދި އައްޑޫގެ ކަރަންޓްގެ މަޝްރޫއުވެސް ޗައިނާ ކުންފުންޏަކަށް ހަވާލުކުރީ ވެސް ބިޑަކާ ނުލަ އެވެ.

ބިޑަކާ ނުލާ ގުޅީ ފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން 180 ދުވަހުގެ ތެރޭގައި ހިއްކުމަށް، 53 މިލިއަން ޑޮލަރަށް ހަވާލު ކުރީ، ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑްއާ އެވެ.

އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ނިންމައިފައެވެ.

ނަމަވެސް އެކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ މީޑިއާ ޔުނިޓުން "ސަން"އަށް ބުނެފައި ވަނީ، އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ މާލިޔަތު ގާނޫނާ އެއްގޮތަށް، ޓެކްނިކަލީ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި، ދައުލަތަށް އެންމެ ފައިދާވާނެ ގޮތަށް ކަމަށެވެ.

މާލިއްޔަތު ގަވައިދުގެ 10.27 (ށ) ގައި ބުނާގޮތުން ބޭރުގެ ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގިދާނެ އެވެ.

މިގޮތުން މަޝްރޫއު ހަވާލުކުރެވޭއިރު އެ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަޝްރޫއެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.