19 Nov 2011, 10:58
އޭއެސް ރޯމާ އަށް ކުޅޭ އިޓަލީ މިޑްފީލްޑަރު ޑެނިއަލް ޑި ރޮސީ ލިބޭނެ މަގެއް ފަހިވެއްޖެ ނަމަ، މެންޗެސްޓާ ސިޓީ އިން ޑި ރޮސީ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އެކުލަބުގެ ކޯޗް ރޮބާޓޯ މަންޗިނީ ބުނެފި އެވެ.
މިސީޒަން ނިމުމާއެކު ރޮމާ އާއި އެކު ޑި ރޮސީ ހަދާފައިވާ އެއްބަސްވުން ހަމަވާނެ އެވެ. ނަމަވެސް ރޯމާ ނޫން އެހެން ކުލަބަކަށް ކުޅެން ބޭނުން ނުވާކަމަށް ޑި ރޮސީ ދާދި ފަހުން ބުނެފައި ވެއެވެ. ޑި ރޮސީ ލިބެން އޮތް ނަމަ އޭނާ ހޯދުމުގެ މަސައްކަތް ކުރާނީ ހަމައެކަނި މެންސިޓީ ނޫން ކަމަށް ވެސް މަންޗިނީ ބުންޏެވެ.
"ރޯމާ އަށް ކުޅޭ ކުޅުންތެރިއެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް. ރޯމާ އެކު އާ ކޮންޓްރެކްޓެއްގައި ޑި ރޮސީ ސޮއިކޮށްފި ނަމަ، އިތުރަށް އުނދަގޫ ވެގެން ދާނެ. ޑެ ރޮސީ ލިބެން އޮތް ނަމަ މެންސިޓީ އާއެކު ރެއާލް މެޑްރިޑާއި، ޗެލްސީ އަދި ބޮޑެތި އެތައް ކުލަބަކުން އޭނާ ހޯދުމަށް މަސައްކަތް ކުރާނެ." މަންޗިނީ ބުންޏެވެ.
ރޯމާ އާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަށް އެއްބަސްވާނެ ކަމުގެ ޔަގީންކަން އެކުލަބުގެ ރައީސް ތޯމަސް ޑިބެނެޑެޓޯ ބުނެފައި ވެއެވެ. ޑެ ރޯސީ އަކީ ރޯމާ ޓީމަށާއި އިޓަލީ ގައުމީ ޓީމަށް ވެސް ޚިދުމަތްތަކެއް ކޮށްދެމެންދާ މުހިންމު ކުޅުންތެރިއެކެވެ.