މޫސުމަށް އަންނަމުންދާ ބަދަލުތަކާއި، ތިމާވެށީގެ މައްސަލަތަކަކީ މުޅި ދުނިޔެއަށް، ހާއްސަކޮށް ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށާއި ތިމާވެއްޓާ ރައްޓެހި އިގްތިސާދަކަށް ގައުމުތައް ބަލަދުވުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ކުރިއަށްދާ ނަން-އެލައިންޑް މޫވްމަންޓްގެ ޕްރިޕަރޭޓަރީ މިނިސްޓީރިއަލް މީޓީންގައި ބައިވެރިވެ ވަޑާއިގެންނެވި ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދު ވިދާޅުވީ ދުނިޔެއަށް މިވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް މެމްބަރު ގައުމުތަކުން ގުޅިގެން މަސައްކަތްކުރުން މުހިއްމުކަމަށެވެ.

މި ބައްދަލުވުމަކީ ނަން-އެލަންޑް މޫވްމަންޓްގައި ހިމެނޭ ގައުމުތަކުގެ ވެރިންގެ 18 ވަނަ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލްކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އަޒަރްބައިޖާނަށް ވަޑައިގަންނަވާނެއެވެ.

ޕްރިޕަރޭޓަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން ސެކްރެޓަރީ ގަފޫރު ވިދާޅުވީ އަދި ގައުމުތަކާއި ގުޅިގެން މައްސަލަތަކަށް ހައްލު ހޯދުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމަށެވެ.

މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުން މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން މި ބައްދަލުވުމުގައިވެސް ފޮރިން ސެލްރެޓަރީ ހާމަކުރެއްވިއެވެ.