ތޫނިސް (އޮކްޓޯބަރު 24) : އުތުރު އެފްރިކާގެ އަރަބި ގައުމެއް ކަމަށްވާ ތޫނިސްގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންފައިވާ ގައިސު ސައީދު ރައީސްކަމުގެ ގާނޫނީ ހުވާ ކުރައްވައިފިއެވެ.

މިކަމަށްޓަކައި ތޫނިސްގެ ޕާލަމެންޓްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ތޫނިސްގެ އަވަށްޓެރި އަރަބި ގައުމުތަކާ އަދި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ އިސްވެރިންނާއި ވަފްދުތައް ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސްކަމުގެ ގާނޫނީ ހުވާ ކުރެއްވުމަށްފަހު ގައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގައި ރައީސް ސައީދު ވިދާޅުވީ ތޫނިސްގެ ރައްޔިތުން ސުލްޙަވެރިކަމާއެކު އެގައުމަށް ގެނައި ޑިމޮކްރަސީގެ ނިޒާމާއެކު ދުނިޔޭގެ އިހްތިރާމާއި ގަދަރު ތޫނިސްގެ ރައްޔިތުންނަށް ލިބިފައިވާ ކަން ހާމަކުރައްވާފައެވެ.

ޑިމޮކްރަސީ ގާއިމް ކުރެވުމާއެކު ތޫނިސްއަށް ސިޔާސީ ހަލަބޮލިކަމާއި ވާދަވެރިކަން އައިނަމަވެސް ޕާޓީތަކާއި ވާދަވެރި ލީޑަރުން އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމް ކުރުމާއި ގެންގުޅުނު ރަނގަނޅު އަޚްލާގާއި ހެޔޮވިސްނުމާއި އެއްބަޔަކު އަނެއް ބަޔަކަށް ދޫދިނުމުގެ ސަބަބުން ގައުމު ބައިބައިކުރާ ފިތްނައަކަށް އެކަން ބަދަލުނުވެ ގައުމަށް ހަމަޖެހުން އައިސް ސިޔާސީ ވާދަވެރިކަން ވަކިމިންވަރެއްގައި ހިފެހެއްޓިފައި އޮތްކަމަށް ވިދާޅުވިއެވެ. އެކަން އެހެންވީ ރައްޔިތުންގެ ހޭލުންތެރިކަމާއި ކެތްތެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ދައުލަތުގެ މައި އިދާރީ ނިޒާމާއި މިނިވަން މުއައްސަސާތަކާއި ޝަރުއީ ނިޒާމާއި ސަލާމަތީ ބާރުތައް އޮންނަންވާނީ ސިޔާސީ އޮއިވަރުން ބޭރުގައި ކަމުގައެވެ. ސައީދުގެ ޚިތާބުގައި އަންހެނުންގެ ހައްގުތަކާއި ޓެރަރިޒަމާ ހަނގުރާމަ ކުރުމާއި ދާޚިލީ އެއްބައިވަންތަކަމަށް އަލިއަޅުވާލެއްވިއެވެ.

ޚާއްސަކޮށް ފަލަސްތީނުގެ މައްސަލަ ފާހަގަކުރައްވައި އިސްރާއީލަކީ ފަލަސްތީނު ރައްޔިޔުން އަޅުވެތިކޮށް ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން އިސްތިއްމާރީ އުސޫލުން ވެރިވެގަނެގެން އުޅޭ އިސްތިއްމާރީ ބާރެއްކަމަށް ސިފަކުރެއްވިއެވެ. އަދި އިސްރާއީލުގެ އަނިޔާވެރިކަން ކުށްވެރި ކުރުމަކީ ޔަހޫދީން ކުށްވެރި ކުރުން ނޫންކަމަށާ ކުށްވެރިކުރަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރާއި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތައްކަމަށްވެސް ސައީދު ވިދާޅުވިއެވެ.

1986 ވަނަ އަހަރުން ފެށިގެން ގާނޫނީ ދާއިރާއިން ތޫނިސްގެ ޔުނިވާސިޓީތަކުގައި ކިޔަވައި ދެއްވުމުގައި އުޅުއްވި ޕްރޮފެސަރު ސައީދަކީ މީގެ ކުރިން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެ ވަޑައިގެންފައިވާ ބޭފުޅެއް ނޫނެވެ. އޭނާ މަޝްހޫރުވެ ވަޑައިގެންފައިވަނީ ފާއިތުވި 8 އަހަރު ތެރޭގައި ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުއްލެވި ބޭފުޅެއްގެ ގޮތުގައާއި ނަޒާހަތްތެރި ބޭފުޅެއްގެ ގޮތުގައެވެ. ރިޔާސީ ކޭންޕޭންގައި ސައީދު ތޫނިސްގެ އާއްމު ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރެއްވީ ކޮރަޕްޝަން ނައްތާލުމާއި ނަޒާހަތްތެރިކަމުގެ މުހިއްމުކަމެވެ. ކޮރަޕްޝަނާ ދެކޮޅަށް ސައޫދީ ދެއްވި މެސެޖްތަކުން ތޫނިސްގެ ޒުވާނުންގެ ހިތްތަކަށް ވަރުގަދަ އަސަރެއް ކުރިކަމަށް ޚަބަރުތައް ބުނެއެވެ.

ތޫނިސްގެ ރިޔާސީ ދައުރަކީ 5 އަހަރު ދުވަހެވެ. ސައީދަކީ 2011 ވަނަ އަހަރު އަރަބި ގައުމުތަކަށް އައި ރައްޔިތުން އުތުރުއެރުމުގެ އޮއިވަރާއެކު ތޫނިސްގައި އައު ގާނޫނީ އަސާސީ އެއް އެކުލަވާލައި ޑިމޮކްރަސީގެ ނިޒާމަށް ގައުމުގެ ވެރިކަން ބައްޓަންކުރުމަށްފަހު އިންތިޚާބު ކުރި ދެވަނަ ރައީސެވެ. (ނޫސްއެޖެންސީތައް)