24 Oct 2019, 07:58
ފަގީރު އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ހިންގާ އެކި ޕްރޮޖެކްޓްތަކަށް ލޯނާއި އެހީ ދެމުން އަންނަ ވޯލްޑް ބޭންކުން ރާއްޖޭގައި އޮފީހެއް ހުޅުވަން ނިންމައިފިއެވެ.
މިމަހުގެ 18 އިން 20 އަށް އެމެރިކާގެ ވޮޝިންގްޓަންގައި ކުރިއަށް ދިޔަ ވޯލްޑް ބޭންކްގެ އަހަރީ ދުވަހުގެ ހަފްލާގައި ފިނޭންސް މިނިސްޓަރި އިބްރާހިމް އަމީރު ވަނީ ބައިވެރިވެވަޑާއިގެން ވޯލްޑް ބޭންކްގެ އޮފީސް ހުޅުވުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ.
އެ އެއްބަސްވުމުގައި ވޯލްޑްބޭންކްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކއިން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރައީސް ހާޓްވިގް ޝެފާ އެވެ.
އެ ހަފްލާގައި އަމީރު ވަނީ ކޯލިޝަން އޮފް ފައިނޭންސް މިނިސްޓާސް ފޯ ކްލައިމެޓް ޗޭންޖްގައި ބައިވެރިވުމަށްވެސް ހުށަހަޅުއްވައިފަ އެވެ.
ރާއްޖޭގެ ދެވަނަ ސިސްޓަމެޓިކް ކަންޓްރީ ޑައިގްނޯސްޓިކް (އެސްސީޑީ) އަށް ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ވޯލްޑް ބޭންކުން މިހާރުވެސް ދަނީ ދިވެހި ބަހުން އޮންލައިން ސާވޭއެއް ކުރަމުންނެވެ.
ވޯލްޑް ބޭންކުން ރާއްޖޭގައި ދެ މަޝްރޫއެއް ހިންގުމަށް އެހީދޭން މިއަހަރު ވަނީ ނިންމައިފަ އެވެ. އޭގެ ތެެރޭގައި ދައުލަތުގެ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ދޭން ނިންމި 30 މިލިއަން ޑޮލަރާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމުގެ ގޮތުން ރާއްޖެއަށް ދޭން ނިންމި 20 މިލިއަން ޑޮލަރު ހިމެނެ އެވެ.