މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް ޓޮމް ކްލެވަލީ އަށް އަނެއްކާ ވެސް އަނިޔާއާ ކުރިމަތިލާން ޖެހިއްޖެ އެވެ. ކްލެވަލީގެ ކަކުލަށް ލިބުނު އަނިޔާ އާއި ގުޅިގެން މި މަސް ހުންނަން ޖެހޭނީ ކުޅުމާއި ދުރުގައެވެ.

އުމުރުން 22 އަހަރުގެ ކްލެވަލީ އަށް އަނިޔާވީ މިދިޔަ މަހު ޕްރެމިއާ ލީގުގައި އެވަޓަން އާއި ދެކޮޅަށް މެންޔުނައިޓެޑް ކުޅުނު މެޗުގަ އެވެ. އެއީ ކްލެވަލީ އަށް ކުރިން ލިބުނު އަނިޔާ އަށް ފަހު ކުޅެން ނުކުތް ފުރަތަމަ މެޗެވެ. ކުރިން ކްލެވަލީގެ އަނިޔާ އެހާ ސީރިއަސް ކަމަށް ނުދެއްކި ނަމަވެސް މިމަސް ނިމެންދެން އަނިޔާގައި ހުންނަން ޖެހިދާނެ ކަމުގެ ބިރު އޮތްކަމަށް މެންޔުނައިޓެޑްގެ ކޯޗް ފާގަސަން ބުނެއެވެ.

"މިމަހު ކްލެވަލީގެ ކުޅުން ނުފެނިދާނެ. އެއީ އަހަރެމެން އުންމީދު ކުރި ގޮތެއް ނޫން. ކުރިން އެހާ ސީރިއަސް ކަމަކަށް ނުދައްކާ. މިހާރު ކްލެވަލީ ވަނީ އިތުރު ސްކޭން ތަކަކާއި ޓެސްޓްތަކެއް ވެސް ހަދާފައި." ފާގަސަން ބުންޏެވެ.

އުމުރުން 22 އަހަރުގެ ކްލެވާލީ އަކީ ޒުވާން ކެރިޔަރު ބްރެޑްފޯޑުން ފަށައިގަނެ 2003 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުގެ ޒުވާން ޓީމަށް ބަދަލުވި ކުޅުންތެރިއެކެވެ. 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑްގެ ސީނިއާ ޓީމަށް ބަދަލުވެ ކްލެވާލީ ވަނީ ލޯނުގެ ދަށުން ލީޗެސްޓާ ސިޓީ އަށާއި، ވެޓްފޯޑް އަދި ވިގަން އެތްލެޓިކް އަށް ވެސް ކުޅެފައެވެ. މިއަހަރު ކްލެވާލީ ފާހަގަކުރެވެނީ މެންޗެސްޓާ ޔުނައިޓެޑުގެ ފުރަތަމަ ޓީމުން ޖާގަ ހޯދާ ޒުވާން ކުޅުންތެރިއެއްގެ ގޮތުގައެވެ.