ޕްރޮސެކުއުޓާ ޖެނެރަލް އައިޝަތު ބިޝާމް އަކީ އެއިރެއްގައި ސިޔާސީ ގޮތުން ބާރުވެރި ބަޔަކަށް ބޯލަނބާ ފަރާތެއް ކަމަށާއި އެހެންވެ އެ މަގާމުން އޭނާ ވަކިކުރަން އެބޭފުޅުން ސަރުކާރުގައި މަސައްކަތްތަކެއް ކުރި ކަމަށް އިިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ރައީސް ޔާމީން ސަރުކާރުގައި ބިޝާމް އުފުއްލެވީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ އޭރު އޭނާ މަގާމުން ވަކިކުރުމަށް ގޮވާލާފަ އެވެ. ބާރު ލިބުމުން އޭނާ މަގާމުން ވަކިކުރާނެ ކަމަށް ބުނި ނަމަވެސް، އަދިވެސް އޭނާ މަގާމުން ވަކި ނުކުރާތީވެ، މިހާރުގެ އިދިކޮޅު ފަރާތްތަކުން ދަނީ އެކަމަށް ސުވާލު އުފައްދައި، ފާޑު ކިޔަމުންނެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން އިއްޔެ އެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ޕާލިމަންޓަރީ ގުރޫޕުގައި ޕީޖީ ބީޝާމް ވަކިކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އޭރުވެސް ބިޝާމް ވަކިކުރަން މަސައްކަތް ކުރީ، ސިޔާސީ ނުފޫޒަށް އެކަމަނާ ބޯ ލަނބާތީ ކަމަށް ސުޖާއު ވިދާޅުވި އެވެ.

"ބައެއް މެމްބަރުން [ބޭނުންވި ބިޝާމް ވަކިކުރަން] އެހެން ނަމަވެސް މެޖޯރިޓީ ތާއީދު ނުކުރެވުނީ. އަޅުގަނޑަކީ ބިޝާމް މަގާމުން ވަކިކުރުމަށް އެންމެ ގަދައަށް ވަކާލާތު ކުރި މީހެއް،" ޝުޖާއު ވިދާޅުވި އެވެ. އެއީ ކީއެއްވެގެންތޯ ސުވާލު ކުރުމުން ޝުޖާއު ވިދާޅުވީ، "އެއީ އަޅުގަނޑަށް އޭނައަށް އިތުބާރު ނުކުރެވޭތީވެ. އެއީ ސިޔާސީ ރަންޑިއަކަށް ވާތީވޭ. އަދި އަނެއްކާ އޭނަ ހުންނަ ގޮތް [ފަޅިއެއް] ނޭނގެނީ،"

ބީޖީ ބިޝަމް ވަކިކުރުމަށް މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިދިޔަ ހަފްތާގައި ނިންމި އެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އެ ނިންމުން އަނބުރާ ގެނަ އެވެ.

ޝުޖާއު ވިދާޅުވީ، ޖުޑީޝަރީ ކޮމިޓީގެ މެމްބަރުން ބޭނުން ވަނީ ބިޝާމް ވަކިކުރުމަށް ކަމަށާއި ނަމަވެސް އެކަން ނުވީ ކީއްވެގެންކަން ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ، ބީޝާމްގެ މައްސަލަ އަނބުރާ ގެނައީ އޭނާ ލައްވާ ސިޔާސީ ދައުވާތައް ކުރުވަން ކަމަށެވެ.

މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބިޝަމް ވަކިކުރުމުގެ މައްސަލަ ބާތިލް ކުރުމަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާ މެމްބަރު ޖީހާން މަހުމޫދެވެ.

ޕީޖީ ވަކިކުރާ މައްސަލަ ބާތިލް ކުރަން ޖީހާންހުށަހެޅުއްވީ، އެ މައްސަލަ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ކޮމިޓީއަށް ހުށަހެޅުއްވީ އެމްޑީޕީގެ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ އެވެ. އެނގިފައިވާ ގޮތުގައި ޖީހާން އެގޮތަށް ވިދާޅުވަނީ ސިރާޖު އެކަމާ މެދު އެމްޑީޕީގެ ޕީޖީ ގުރޫޕްގައި މަޝްވަރާ ނުކުރައްވާތީ ކަމަށް ވިދާޅުވެ އެވެ.