ކުރިއަށް އޮތް ތަނުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދޭ ހިދުމަތްތައް ރަނގަޅުވާނެކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ނުލިބުމާއި ހިދުމަތްތައް ލިބުމުގައި ދަތިވާކަމުގެ ޝަކުވާތައް ފަހަކަށް އައިސް ވަރަށް ބޮޑުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމިޓީގައި އިއްޔެ ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ކުރެއްވި 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑެތި ވައުދުތައް ކަނޑައެޅުއްވީވެސް އެ މިނިސްޓްރީއަށް ކަމަށެވެ.

ނަމަވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަކީ އަލަށް އުފެއްދި މިނިސްޓްރީއަކަށްވެފައި މުވައްޒަފުންގެ ދަތިކަމާއި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އާ ވުޒާރާއެއް އުފައްދަވާފައި ތިން ހަތަރު މަސްވީއިރުވެސް ސިވިލް ސާވިސްގެ އޮނިގަނޑު ފާހެއް ނުވޭ. މިހާ ދުވަސްވެގެން ދިއުން އެކްސެޕްޓެބަލް އެއް ނޫން. އެއީ ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތައް ދިމާވޭ،" ޑރ. އިބްރާހިމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މީގެ ކުރިން އެ މިނިސްޓްރީން ބޭނުންކުރި ފޯން ޕީއޭބީއެކްސް ސިސްޓަމްގެ ސަބަބުން އެ މިނިސްޓްރީއަށް ކުރާ ކޯލުތައް ސަރުކާރުގެ އެހެން ވުޒާރާތަކަށް ޑައިވާޓްވުމުގެ މައްސަލަވެސް ކުރިމަތިވި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އާ މުވައްޒަފުން މިނިސްޓްރީއަށް ނަގަމުންދާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ހިދުމަތްތައް ރަނގަޅުވާނެ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފީސް އިމާރާތް މި ހަފްތާ ވަނީ ފެން ބިލްޑިންގްއަށް ބަދަލުކޮށްފަ އެވެ. އެ އިމާރާތަށް ބަދަލުވުމުން މިނިސްޓްރީގެ ޖާގައިގެ ދަތިިކަމަށް ވަނީ ހައްލެއް ލިބިފަ އެވެ.