އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ހެމާ މާލިނީ 71، ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގަތުމަށް ނިންމައިފި އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ މަތޫރާގެ ގޮނޑި ދެވަނަ ދައުރު ފުރިހަމަކުރުމަށްފަހު ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގެންނެވުމަށް ނިންމާފައިވާކަމަށް ހެމާ ވަނީ ވިދާޅުވެފައެވެ.

ހެމާ ވިދާޅުވީ މިހާރު ބޭނުންވަނީ ސިޔާސީ ދާއިރާ ދޫކޮށްލުމަށްފަހު އާއިލާއަަށް ވަގުތު ދިނުމަށް ކަމަށެވެ. މިހާރު މާމަ ދަރިންވެސް އެބަ ތިބި ކަމަށާއި ބޭނުންވަނީ މާމަދަރިންނާއެކު ގިނަ ވަގުތު ހޭދަކުރައްވަންކަމަށް ހެމާ ވިދާޅުވިއެވެ.

ހެމާގެ ފިރިކަލުންނަކީ އިންޑިއާގެ ފިލްމީތަރި ދަރަމް ސިންހް ޑިއޯލް (ދަރުމެންދްރާ)އެވެ. އެ ދެމަފިރިންނަށް ދެ ކުދިން ލިބިފައިވެއެވެ. އެއީ ފިލްމީތަރި އީޝާ ޑިއޯލް އަދި ނެށުންތެރިޔާ އަހާނާ ޑިއޯލްއެވެ.

"މިހާރު ފިރިމީހާ ވެސް އުޅެނީ ބަލިކޮށް. އެހެންވެ ބޭނުންވަނީ ހަމަ އާއިލާއަށް ހުރިހާ ވަގުތެއް ހުސްކުރަން،"

ހެމާ ފިލްމީ ދާއިރާއަށް މަޝްހޫރުވެގެން ދިޔައީ ހަތްދިހައިގެ އަހަރުތަކުގައެވެ. "ޑްރީމް ގާލް"ގެ ނަމުން މަޝްހޫރުވި ހެމާއަކީ އޭނާގެ ޒަމާނުގައި ބޮލީވުޑްގައި އެންމެ ކާމިޔާބު ބަތަލާއެވެ.