23 Oct 2019, 23:00
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ ލީޑާޝީޕް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 87،400 އަށް ވުރެ މައްޗަށް އަރައިފިއެވެ.
އެމްޑީޕީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހުގެ 22 ވަނަ ދުވަހު އޮންނަ އިރު، އެ ޕާޓީން މިއަދު ވަނީ އެ އިންތިހާބުގައިވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުއާންމުކޮށްފައެވެ.
ވޯޓާސް ލިސްޓު އާންމުކޮށްފައިވަނީ އިންތިހާބީ 87 ދާއިރާ ވަކިވަކިންނެވެ. އެ 87 ދާއިރާގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 87،431 އެވެ.
ވޯތު ދިނުމުގެ ހައްގު ލިބިގެންވާ މީހުން އެންމެ ގިނައީ 2،238 މީހުންނާއެކު ހިތަދޫ ދެކުނު ދާއިރާގައެވެ. އަދި އެމްޑީޕީގެ މެމްބަރުން އެންމެ މަދު މީހުން ތިބީ ކެޔޮދޫ ދާއިރާގައެވެ. އެ ދާއިރާއިން ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 288 މީހުންނަށެވެ.
އެމްޑީޕީން މިއަދު ވަނީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 12:00 އެވެ.
އެމްޑީޕީގެ ހުސްވެފައިވާ ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ، މިދިޔަ ދައުރުގައިވެސް އެ ޕާޓީގެ ރައީސްކަން ކުރެއްވި ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެ މަގާމަށް ކުރިމަތިލެއްވީ އެމަނިކުފާނު އެކަންޏެވެ.
ނައިބު ރައީސް ކަމަށް ކުރިމަތިލެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާ މެމްބަރު މުހައްމަދު އަސްލަމް އާއި މިދިޔަ ދައުރުގައި ނައިބު ރައީސް ކަން ކުރެއްވި، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު (ޝިއްޕެ)އެވެ.
އެންމެ ފަހުން އޮގަސްޓް 2014 ގައި ބޭއްވި އެ ޕާޓީ ލީޑާޝިޕް އިންތިހާބުގައި ގިނިކިންޔާ ވާދަކުރެއްވި ރައީސް ނަޝީދަށް، 33،709 ވޯޓު ލިބުނު އިރު، ޝިފާޒަށް ލިބިވަޑައިގަތީ، 21،052 ވޯޓެވެ. އެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބުނީ، 57،204 މީހުންނަށެވެ.
އެމްޑީޕީގެ ދަފްތަރު 87،431 އަށް އަރާފައިވާއިރު، މިދިޔަ އޮގަސްޓު މަހު އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އެޕާޓީގެ މެމްބަރުންގެ އަދަދަކީ، 54،045 މީހުންނެވެ.