ބާސެލޯނާ އަށް ކުޅެމުންދާ ފްރާންސް ޑިފެންޑަރު އެރިކް އަބިޑާލް މި ސީޒަން ނިމޭއިރަށް ކުލަބު ދޫކޮށް ދިއުން ގާތްކަމަށް އޭނާގެ އެޖެންޓް ބުނެފި އެވެ.

ސީޒަން ނިމުމާއެކު އުމުރުން 32 އަހަރުގެ އަބިޑާލް އާއި ބާސާ އާއި ދެމެދު ހަދާފައިވާ ކޮންޓްރެކްޓް ހަމާވާނެ އެވެ. 2007 ވަނަ އަހަރު ބާސާ އާއި ގުޅުނު އާބިޑާލް އެކުލަބު ދޫކޮށް ދިއުން ގާތް ކަމަށް އޭނާގެ އެޖެންޓް ޑޭވިޑް ވެންޑިޓެލީ ބުނެފައި ވެއެވެ.

"އާބިޑާލް ކުޅޭ ކޮންމެ މެޗަކަށް އިތުރު ބޯނަސް ލިބޭ ގޮތަށް މިއަދު ބާސާ އިން ހުށަހެޅުމެއް ހުށަހެޅި. ނަމަވެސް އެއީ އަހަރެމެން ބޭނުންވާ ގޮތެއް ނޫން. އަހަރެމެން ބޭނުންވަނީ ދާއިމީ ކޮންޓްރެކްޓެއް. ކުލަބާއެކު އަހަރެމެން ރަނގަޅު ގުޅުމެއް ބާއްވަން. އެކަމަކު އާ ކޮންޓްރެކްޓްގެ ކަންތަކުގައި އަލިމަގެއް އަދި ފެނިފައެއް ނެތް. އަލިމަގެއް ނުފެނިއްޖެ ނަމަ އަބިޑާލް އަށް ޖެހޭނީ ކުލަބު ދޫކޮށް ދާން. ނަމަވެސް އަބިޑާލް ބޭނުންވަނީ ބާސާގައ ހުރެ ކުޅުން ހުއްޓާލަން." އަބިޑާލް ގެ އެޖެންޓް ބުންޏެވެ.

ބާސާ އަށް އަބިޑާލް ކުޅުނު މެޗުތަކުގެ އަދަދު މިހާރު ވަނީ ސަތޭކަ އަށް ވުރެ ގިނަވެފަ އެވެ. އަބިޑާލް ވަނީ މިހާރުގެ ކޯޗް ގާޑިއޯލާ އާއި ކުރީގެ ކޯޗް ފްރޭންކް ރައިކާޑުގެ ކޯޗުކަމުގެ ދަށުގައި ވެސް ކުޅެފައެވެ. މިއަހަރުގެ ބެލޮން ޑީ އޯ އެވޯޑަށް ވެސް އަބިޑާލް ވަނީ ނޮމިނޭޓް ވެފައެވެ.