24 Oct 2019, 13:52
ސީރިއާ ހަނގުރާމަ ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް ފެއްޓެވި މަސައްކަތަށް ހާރިޖީ ގޮތުންނާއި އެމެރިކާގެ އެތެރެއިން ކުރިމަތިވި ފިއްތުންތަކަށް ގޮން ޖައްސަވައި ބޮޑު ކާމިޔާބީއެއް ހޯއްދަވައިފި އެވެ.
އައިއެސް ޖަމާއަތަށް ދެކޮޅަށް ހަނގުރާމަކުރުމުގައި އެމެރިކާއަށް މަދަދުވެރިވި ސީރިއާގެ ކުރުދީ ހަނގުރާމަވެރިންގެ ގްރޫޕް އެސްޑީއެފްއަށް އެމެރިކާއިން މަދަދު ދިނުން ހުއްޓާލުމަށް ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީއާއި އިދިކޮޅު ޕާޓީއިންވެސް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިވިއެވެ.
އެމެރިކާއިން ސީރިއާގެ ކުރުދީންނަށް މަދަދަދިނުން ހުއްޓާލުން ތުރުކީން، ކުރުދީންނާ ދެކޮޅަށް އަސްކަރީ ވަރުގަދަ އޮޕަޜޭޝަނެއް ފެށިއެވެ. އެކަމާ ގުޅިގެން ޓްރަމަޕްއަށް ފިއްތުންތައް އިންތިހާއަށް ކުރިމަތިވުމުން ތުުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް އެޅިއެވެ. ނަމަވެސް ކޮންގްރެސްގެ މެމްބަރުން ދިޔައީ ތުރުކީއަށް އިތުރަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްވެސް ގޮވާލައްވަމުންނެވެ.
ޓްރަމްޕް މިހާރު ވަނީ ތުރުކީއަށް އެޅި ދަތިކުރުމުގެ ފިޔަވަޅުވެސް އުވާލައްވައިފައެވެ. ދަތިކުރުމުގެ ފިޔަވަޅު އުވާލަން ނިންމީ ތުރުކީން ހިންގަމުން ދިޔަ މިލިޓަރީ އޮޕަރޭޝަން ހުއްޓާލަން ނިންމުމުންނެވެ.
ތުރުކީ، ރަޝިއާ، އަދި ސީރިއާއިން މިހާރު ނިންމާފައިވަނީ އެ ތިން ގައުުމުން އެއްބާރުލުން ދީގެން ކުރުދީންގެ މައްސަލަ ހައްލުކުރުމަށެވެ. އެމެރިކާގެ ސިފައިން ސީރިއާގައި ހަރަކާތްތެރިވި ސަރަހައްދުގައި މިހާރު ފޯރިމަރަމުންދަނީ ރަޝިއާ ސިފައިންނެވެ. ހުދު ކުރުދީންވެސް މިހާރު ވަނީ ރަޝިއާ ސިފައިން ސީރިއާގެ އުތުރަށް ފޮނުވުމުން އެކަމަށް މަރުހަބާ ކިޔައިފައެވެ.
އެމެރިކާއާ ތުރުކީ ގުޅުން ފަހަަކަށް އައިސް ވަރަށް ބޮޑަށް ގޯސްވިނަމަވެސް މިހާރު އެ މައްސަލަ ވަނީ ވަރަށް ފިނިވެފައެވެ. ތުރުކީއަކީ އެމެރިކާވެސް ހިމެނޭ ނޭޓޯގެ މެމްބަރެއްވެސް މެއެވެ.
ނިމިގެން ދިޔަ ސަރުކާރުތަކުގައި އެމެރިކާއިން ބޮޑެތި ހަނގުރާމަތަކެއް ފެށިނަމަވެސް އެކަން އެގޮތަށް ކުރިއަށްގެންދަން ބޭނުންނުވާ ކަމަށް ޓްރަމްޕް ރިޔާސީ ކެމްޕޭންގެ ތެރޭގައިވެސް ވިދާޅުވިއެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރު ނިމެން ކައިރިވެފައިވާއިރު މިހާތަނަށް އެމެރިކާއިން އާ އެއްވެސް ހަނގުރާމައެއް ފަށާފައެއް ނުވެއެވެ.
ސީރިއާއިން ފައިބަން ނިންމި ނިންމުން ދިފާއުކުރައްވައި ޓްރަމްޕް ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމަތަކަށް އެމެރިކާއިން އަށް ޓްރިލިއަން ޑޮލަރު ހަރަދުކުރި ނަމަވެސް އޭގެން ނަތީޖާއެއް ނުފެނުނު ކަމަށާއި އޭގެ ބަދަލުގައި ފެނިގެން ދިޔައީ އިތުރަށް ހަމަނުޖެހުމާއި މީހުންގެ ރުޅިވެރިކަމާއި އެތައް ބައެއްގެ ފުރާނެ ގެއްލިގެން ދިއުން ކަަމަށެވެ.