23 Oct 2019, 22:20
ރާއްޖޭގައި މަތީ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ގާނޫނީ ބާރުވެރިކަން ދޭން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވީ މަތީ ތައުލީމާ ގުޅޭ ގޮތުން ހަޔާ އެޑިއުކޭޝަން ގާނޫނުގެ ބިލެއްގެ މަސައްކަތް ފަށައި އޭގެ ފުރަތަމަ ޑްރާފްޓް އެކުލަވާލާފައިވާ ކަމަށެވެ.
"ރާއްޖޭގައި މަތީ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މިއީ ވަރަށް މުހިންމު މަސައްކަތެއް ކަމުގައި ދެކެން. އަޅުގަނޑު ގަބޫލުކުރާގޮތުގައި ހަޔާ އެޑިއުކޭޝަން އެކްޓެއް ނެތި މަތީ ތައުލީމުގެ ޕޮލިސީތައް ފަރުމާވެގެން ދިއުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން." ޑރ. އިބްރާހިމް ވިދާޅުވިއެވެ.
އެ ބިލުން މަތީ ތައުލީމުގެ ފެންވަރު ކަށަވަރުވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެ ބިލުގައި އެއް ކަމަކަށް އިންނާނެ މޯލްޑިވިސް ކޮލިފިކޭޝަނަށް ގާނޫނީ ބާރުވެރިކަން ދިނުން. ހަމައެއާކު ބިލުގައި ފާހަގަކޮށްފައި އިންނާނެ ޕްރައިވެޓް ޔުނިވާސިޓީތައް ހެދޭނީ ކިހިނެއްކަން،" މިނިސްޓަރު ވިދާޅުވިއެވެ.
އެ ބިލަކީ ޕްރައިވެޓް ސެކްޓަރާއި ރާއްޖޭގައި މަތީތައުލީމް އުނގެނުމަށް މަސައްކަތްކުރާ ގިނަ ފަރާތްތަކަށްވެސް ވަރަށް މުހިންމު ބިލަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރުވެސް ގިނަ ޕްރައިވެޓް ކޮލެޖުތަކަކުން މަތީ ތައުލީމް ފޯރުކޮށްދެމުންދާއިރު ބައެއް އިންސްޓްޓިއުޝަންތަކުގެ ފެންވަރު ދަށް ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.