އަލަށް ތައާރަފުކުރި ކޯޕަރޭޓް ސްކޮލަޝިޕް ސްކީމުގެ ދަށުން އަންނަ ޖެނުއަރީގައި ދަރިވަރުން ކިޔަވަން ފޮނުވޭތޯ ބަލަމުން ގެންދާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ކޯޕަރޭޓް ސްކޮލިޝިޕް ސްކީމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މި ހަފްތާ ތެރޭގައި ތައާރަފުކުރި ސްކީމެކެވެ. އެ ސްކީމްގެ ދަށުން ޔުނިވާސިޓީތަކުން ދޭ ޕާޝިއަލް ސްކޮލަޝިޕްގެ ބާކީ ހުރިހާ ހަރަދުތަކެއް ކޮށްދޭނީ ކޯޕަރޭޓް ކުންފުނިތަކުންނެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ރާއްޖެއިން ބޭރުގެ ގިނަ ޔުނިވާސިޓީތަކަކާއެކު ދިވެހި ސަރުކާރުން ގިނަ އެއްބަސްވުންތަކެއް ވެފައިވާ ކަމަށެވެ.

"ވަރަށް ގިނަ އެއްބަސްވުންތަކެެއް ވެފައި އެބަ ވޭ، ދިވެހި ޒުވާނުންނަށް ކޔެވުމުގެ ފުރުސަތާއި ތަމްރީނު ހޮދުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް. އޭގެ ތެރޭގައި ހިމެނޭ ޑިސްކައުންޓް ރޭޓްސްއާއި ސްކޮލަޝިޕް އޮޕޮޗިއުނިޓީޒްވެސް،"

އެހެން ނަމަވެސް މިނިސްޓަރު ވިދާޅުވީ، ޔުނިވާސިޓީން ސްކޮލަޝިޕެއް ދިން ނަމަވެސް، ދަރިވަރު އަމިއްލަ ޖީބުން ބާކީ ޚަރަދުތައް ކުރަން ޖެހޭތީ ދަތިވާ ކަމަށެވެ.

"އެހެންވީމާ ކިޔަވަން ބޭނުންވާ ކުއްޖާއަށް ހަމަ އަދިވެސް ދަތިތަކާ ދިމާވޭ. އޭނާގެ ޖީބުން ހަރަދުކުރަންޖެހޭ ޔުނިވާސިޓީން ޓިއުޝަން ފީ މާފުކޮށްދިނަސް ނުވަތަ އޭގެ 75 ޕަސަންޓު މާފުކުރިއަސް. ދިރިއުޅުމުގެ ހަރަދުވެސް ހޯޑަންޖެހޭ،" ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހެން ގޮސް ރާއްޖެއަށް ލިބޭ ގިނަ އަދަދެއްގެ ފުރުސަތު ބޭނުން ނުކުރެވި، ބޭކާރުވެގެން ގޮސްފައިވާ ކަމަށެވެ. އަދި ކޯޕަރޭޓް ސްކޮލަޝިޕް ސްކީމުގެ ބޭނުމަކީ އެކަން ފޫބެއްދުންކަމަށްވެސް ވިދާޅުވިއެވެ.

ކޮމިޓީ ބައްދަލުވުމަށްފަހު މިނިސްޓަރު "ސަން"އަށް ވިދާޅުވީ ޔުނިވާސިޓީތަކާއެކު މިހާރު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން އަންނަ އަހަރުގެ ކުރީކޮޅު ފެށޭ ކޯސްތައްވެސް ހިމެނޭ ކަމަށެވެ.

"ދެން އަޅުގަނޑުމެންގެ ކޯޕަރޭޓް ޕާޓްނަރުން ބޭނުންވާ ކޯސްތައް ފާހަގަކުރާނީ. ދެން ފާހަގަކުރީމާ އަޅުގަނޑުމެން އާންމުކޮށް އެ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލާނީ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުވެސް އިންޑިއާ ސްރީލަންކާ މެލޭޝިއާގެ ޔުނިވާސިޓީތަކުން ވަރަށް ގިނަ ޕާޝިއަލް ސްކޮލަޝިޕްތައް އެބަހުރި ކަމަށާއި އަދި އޭގެ ތެރެއިން ކޯޕަރޭޓް ސްކީމްގެ ދަށުން ދަރިވަރުން ބޭރަށް ފޮނުވާނެ އަދަދު އަދި ނުނިންމާ ކަމަށެވެ.