23 Oct 2019, 19:57
ދިވެހިރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައެޅުއްވި އާ ސަފީރު މުހައްމަދު ޚަލީލް، ސަފީރުކަމުގެ ފަތްކޮޅު ސައުދީ ރަސްގެފާނަށް އަރުވައިފިއެވެ.
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ބޭއްވި ރަސްމިއްޔާތުގައި، ސަފީރު ޚަލީލް، ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް ފަތްކޮޅު އެރުއްވި އިރު، ރަސްގެފާނު ވަނީ ސަފީރަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރަސްގެފާނު ވެދުން އަރިސްކުރެއްވިއެވެ.
ސަފީރު ޚަލީލް ވަނީ ރައީސް ސޯލިހުގެ ފަރާތުންވެސް ރަސްގެފާނަށް ވެދުން ދަންނަވާފައެވެ. އަދި ސައުދީ އަރަބިއްޔާއާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރައްވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
ސަފީރު ޚަލީލް ސައުދީ ރަސްގެފާނަށް ފަތްކޮޅު އެރުއްވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
މި އަހަރުގެ ޖޫން މަހު، ސައުދީގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޚަލީލް، ރާއްޖެއިން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނަށް (އޯއައިސީއަށް) ކަނޑައަޅާ ސަފީރުކަމަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.
ސަފީރު މުހައްމަދު ޚަލީލް ވަނީ 1983 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކިފަންތީގެ މަގާމުތައް ފުރުއްވާފައެވެ. އަދި ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރުކަންވެސް ކުރެއްވިއެވެ.