19 Nov 2011, 10:50
ޑިސެމްބަރު މަހު އިންޑިޔާގެ ނިއު ދިއްލީގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތައް ތައްޔާރު ވުމަށް ދިވެހި ޤައުމީ ޓީމް މެލޭޝިއާގައި ކުޅުނު ރަހުމަތްތެރި ކަމުގެ ހަތަރު ވަނަ މެޗުން އިއްޔެ ބަލިވެއްޖެ އެވެ.
ރާއްޖެ ގަޑިން އިއްޔެ ހަވީރު 5:45 ގައި މެލޭޝިއާގެ ފުޓްބޯޅައިގެ އެއްވަނަ ޑިވިޝަން ކަމަށްވާ ސުޕަލީގުގެ ޗެމްޕިއަން ކެލަންޓަންއާ ދެކޮޅަށް ކުޅުނު މެޗުން ރައްޖެ ބަލިވީ 2-1 ލަނޑުން ނެވެ.
މެޗުގައި ރައްޖެއިން ޖެހި ހަމައެކަނި ލަނޑު ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ތިން ވަނަ މިނިޓުގައި ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އަދި ކަލަންޓަނައަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 21 ވަނަ މިނިޓުގައި އެޓީމްގެ ގާނާ ފޯވަޑް ޑެނީ އަންޓްވީއެވެ.
ދެޓީމްގެ ނަތީޖާ 1-1 ލަނޑުން ހަމަހަމަ ވެފައި ވަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކެލަންޓަންއިން ވަނީ ރާއްޖެ ކޮޅަށް ލަނޑެއް ޖަހާ ނަތިޖާ 2-1 ލަނޑަށް ބަދަލުކޮށްލާފަ އެވެ. އެ ލަނޑު ކެލަންޓަންއަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް އެޓީމަށް ޖަހައިދިން އަންޓްވީ އެވެ.
މި ދަތުރުގައި ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗު ނިމުނީ 1- 1 ލަނޑުން ދެ ޓީމް އެއްވަރު ވެގެންނެވެ. އަދި ދެ ވަނަ މެޗުން ރާއްޖެ މޮޅުވީ މެލޭޝިއާގެ އާމްޑް ފޯސް އަތުން 5-0 ލަނޑުންނެވެ. ތިންވަނަ މެޗުން ރާއްޖެ މޮޅުވީ މެލޭޝިއާގެ ސައިމް ޑާބީ އެފްސީއާ ދެކޮޅަށް ކުޅެ 1-0 ލަނޑުން ނެވެ.
މި ދަތުރަށް ފަހު ރާއްޖޭގެ ޤައުމީ ޓީމް މިއަދުގެ ވަގުތެއްގައި މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ.