23 Oct 2019, 15:26
އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ދަފްތަރުގައި ތިބި މެމްބަރުން އެ މެމްބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލު ކުރަމުންދާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެ ޕާޓީން މިއަދު އެ މައްސަލައިގައި ކަންބޮޑުވުމުން ފާޅުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އާ ވަނީ ބައްދަލު ކޮށްފަ އެވެ.
އެ ބައްދަލުކުރެއްވުމަށްފަހު، އިސީ އިދާރާގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝީޔާމް ވިދާޅުވީ، ޕާޓީން މިހާތަނަށް ބެލި ލިސްޓުގެ 60 ޕަސަންޓު މެމްބަރުން، އެ މެމްބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
"މިކަން ހައްލު ކުރެވޭނެ ގޮތަކީ ކޮބާތޯ ބެލުމަށް މަޝްވަރާ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް މި އައީ. މިއަދު އެނގިގެން މިދިޔައީ އަސްލު ހަގީގަތުގައި ހަލެއް ލިބޭކަށް ނެތް. އަޅުގަނޑުމެން ބޭނުންވާ ހަލެއް ނެތް،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި، އެކަން ބެލޭނެ އިންތިޒާމެއް އިސީގައި ނެތް ކަމަށާއި މުސްތަގުބަލުގައި އެގޮތަށް މައްސަލަ ޖެހިފައި ހުރި ފޯމުތައް ވަކި ވަކިން އިސީއަށް ހުށަހަޅުއްވާނެ ކަމަށެވެ.
"ސައްހަ ގޮތަކަށް މިކަން ބަލައިފި ނަމަ މިއަދުވެސް ޕީޕީއެމް ވާނީ މި ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށް. އެންމެ މެމްބަރެއް މަދުވުމަކީ ވެސް އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް،" ޝިޔާމް ވިދާޅުވި އެވެ.
ޝީޔާމް ވިދާޅުވީ، ޕީޕީއެމް އަކީ ސައްހަގޮތުގައި ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް އެންމެ މަސައްކަތް ކުރި ޕާޓީ ކަމަށާއި އެޕާޓީގައި ތިއްބަވާނީ ސައްހަ މެމްބަރުން ކަމަށެވެ. އަދި އެމްބަރުންގެ ފަރާތުން އެ މެމްބަރުން އެހެން ޕާޓީތަކުގެ ދަފްތަރަށް ބަދަލު ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެރިކަމުގައި އޮތް އިރު، 40،000 އަށް ވުރެ ގިނަ މެމްބަރުން ޕީޕީއެމްގެ ދަފްތަރުގައި ތިބިއިރު، މިދިޔަ އޮގަސްޓު މަހު އީސީ އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 37،707 އަށް ވެއްޓިފަ އެވެ. ދަފްތަރުގައި ދެވަނައަށް ޕީޕީއެމް އޮތް އިރު، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އޮތީ 54،045 މެމްބަރުންނާއެކު އެންމެ ގިނަ މެމްބަރުންގެ ޕާޓީގެ ގޮތުގަ އެވެ.