19 Nov 2011, 10:24
ޏ. އަތޮޅު ކައުންސިލް ފުވައްމުލަކު މެދު ދާއިރާގެ ކައުންސިލް ބައި އިލެކްޝަނާއި އއ. އަތޮޅު ހިމަންދޫ ކައުންސިލްގެ ބައި އިލެކްޝަނާއި ފ. އަތޮޅު ކައުންސިލް ބިލެތްދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ހެދުނު ފަށައިގެން ކުރިއަށް އެބަދެ އެވެ.
ވޯޓުލާން ފަށާފައިވާއިރު ހިމަންދޫ ކައުންސިލްގެ ބައި އިލެކްޝަން ފިޔަވާ އަނެއް ދެ ދާއިރާގައި ކޮންމެ ދާއިރާއަކުން ތިން ކެންޑިޑޭޓަކުން ބޭފުޅުން ވާދަކުރެ އެވެ. ހިމަންދޫ ދާއިރާއިން ވާދަކުރަނީ ދެ ކެންޑިޑޭޓެކެވެ.
ޏ. އަތޮޅު ކައުންސިލް ފުވައްމުލަކު މެދުދާއިރާ ގައި ވާދަކުރާ ކެނޑިޑޭޓުންނަކީ އަމިއްލަ ގޮތުން ކުރިމަތި ލެއްވި މާލެގަމު ހުނުބޮލި، ޢަބްދުﷲ މުޙައްމަދު ދީދީ އާއި، ޑީއާރްޕީގެ ފަރާތުން ކުރިމަތިލާފައިވާ ކެނޑިޑޭޓް މިސްކިތްމަގު ލިލީގެ، މުޙައްމަދު ޢަލީ (ފޮންޓާނާ) އާއި, އެމްޑީޕީ ފަރާތުން ކުރިމަތިލާފައިވާ ކެނޑިޑޭޓް މާލެގަން ސެންޓްގޭ މުޙައްމަދު ޢަބްދުﷲދީދީ އެވެ.
ފ. އަތޮޅު ކައުންސިލް ބިލެތްދޫ ދާއިރާގައި ވާދަކުރާ ކެންޑިޑޭޓުންނަކީ އަމިއްލަ ގޮތުން ކުރިމަތި ލާފައިވާ ފީއަލީ ހިރުނދުމާގޭ، ޢަލީ ޒާހިރުއާއި، އެމްޑީޕީ ފަރާތުން ކުރިމަތިލާފައިވާ ކެނޑިޑޭޓް ފީއަލީ އަތިރީގެ، އިބްރާހީމް ނަޢީމްއާއި، ޖުމްހޫރީ ޕާޓީ ފަރާތުން ކުރިމަތިލާފައިވާ ކެނޑިޑޭޓް ފީއަލީ ދުއްލިސާގެ، މުޙައްމަދު މުޞްޠަފާ އެވެ.
އއ. އަތޮޅު ހިމަންދޫ ކައުންސިލް ދާއިރާގައި ވާދަކުރާ ކެނޑިޑޭޓުންނަކީ އަމިއްލަ ގޮތުން، ކުރިމަތި ލާފައިވާ ނޫމަރާގެ، ހިމަންދޫ، އަފްރާޙު ޢާދިލްއާއި އެމްޑީޕީގެ ފަރާތުން ވާދަކުރާ ފައިންޝޭޑް ހިމަންދޫ، ޝިމާލު އިބްރާހީމެވެ.
އިލެކްޝަން ކޮމިޝަނުގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ ތިން ދައިރާގެ މީހުން ވޯޓްލުމަށް ޓަކައި އެ ރަށްރަށުގައި ބަހައްޓާފައިވާ ވޯޓުފޮށީގެ އިތުރުން މާލޭގައި ދެ ވޯޓް ފޮއްޓެއް ބަހައްޓާފައިވާ ކަމަށެވެ. އޭގެތެރެއިން އެއް ފޮއްޓައްވޯޓުލަނީ ފުވައްމުލަކު މެދުދާއިރާއަށް ރަޖިސްޓްރީކޮށް މިވަގުތު މާލޭގައި ތިބި މީހުންނެވެ. އަނެއް ފޮއްޓަށް ވޯޓްލާނީ ހިމަންދޫ އާއި ފީއަލީ ބައި އިލެކްޝަންގައި ވޯޓްލާން މަލޭގައި ރެޖިސްޓްރީކޮށްފައިވާ މީހުންނެވެ.
އިލެކްޝަން ކޮމިޝަނުގެ ފަރާތުން ހަތަރު ރަށެއްގެ ބައިއިލެކެޝަން ބޭއްވުމަށް މިއަދު ނިންމާފައި ވީނަމަވެސް ބ. ތުޅާދޫ ބައި އިލެކްޝަން ނުބާއްވަން މިދިޔަ ބުރާސްފަތިދުވަހު ހައިކޯޓުން ނެރުނު ވަގުތީ އަމުރާއި ގުޅިގެން ތުޅާދޫގެ ބައި އިލެކްޝަން ވަނީ ކެންސަލްކޮށްފަ އެވެ.
ތުޅާދޫ ކައުންސިލުން ވަކި ކޮށްފައިވާ އުމައިރާ އަބޫބަކުރު ތުޅާދޫ ބައި އިލެކްޝަން ހުއްޓުވައި ދިނުމަށް އެދި ކުރެއްވެވި ދައުވާގެ ޝަރީއަތުގައި ނެރުނު ވަގުތީ އަމުރުގައި ބުނަނީ ހައިކޯޓުން ފައިސަލަކާ ކުރުވަނި ހުކުމެއް ކުރަންދެން، ތުޅާދޫ ބައި އިލެކްޝަން ބޭއްވުން ހުއްޓައިލުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.