ދިވެހިންނަކީ ކުޅިވަރާ ގާތް ބަޔަކަށް ވީއިރު، މިފަހަރުގެ ސާޕް ޗެމްޕިއަންޝިޕްގައި ދިވެހި ޤައުމީ ޓީމުން ކުޅިވަރުގެ ރޫހާ އެއްގޮތައް ކުޅެފި ނަމަ މުބާރާތް ކާމިޔާބު ކުރާނެ ކަމުގެ ބޮޑު ޔަޤީން ކަމެއް އެބޮތް ކަމަށް ވީބީ ސްޕޯޓްސް ކުލަބްގެ ތުރުކީ ކޯޗް ޖޭން ވަންލީ ބުނެފި އެވެ.

ވީބީގެ ކޯޗް ޖޭން ވަންލީ އެހެން ބުނެފައިވާ އިރު، މިފަހަރުގެ މުބާރާތުގައި ވާދަކުރާ ދިވެހި ޓީމުގެ ސްކޮޑުގައި އެންމެ ގިނައީ ވީބީ ސްޕޯޓްސް ކުލަބްގެ ކުޅުންތެރިނެވެ. އެގޮތުން ޤައުމީ ސްކޮޑުގައި ވީބީގެ ނުވަ ކުޅުންތެރިއަކު ހިމެނެ އެވެ.

އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި އަންނަ މަހުގެ ދެ ވަނަ ދުވަހު މުބާރާތް ބާއްވާ އިރު، މިސަރަހައްދުގެ ފުޓްބޯޅައިގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޤައުމުތަކާ އެކު އެއް ގްރޫޕެއްގައި ރާއްޖެ ލައްވާލި ކަމުގައި ވިޔަސް، ވީބީގެ ކޯޗް ބުނީ، ރާއްޖެއާ އެ ގްރޫޕްގައި ކިތަންމެ މޮޅު ޤައުމެއް އޮތް ނަމަވެސް ހިތްވަރު ކޮށްފި ނަމަ މިފަހަރުގެ މުބާރާތް ދިވެހިންނަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

"ދިވެހިން ނަކީ ކުޅިވަރަށް ލޯބިކުރާ އަދި ކުޅިވަރާ ޤާތް ބައެއް. ދިވެހި ޓީމުން ކުޅިވަރުގެ ރޫހާ އެއްގޮތަށް ކުޅެފި ނަމަ މިފަހަރުގެ މުބާރާތް ދިވެހިން ކާމިޔާބު ކުރާނެ ކަމާމެދު ބޮޑު ޔަގީން ކަމެއް އެބޮތް. ޓީމްގެ ސްކޮޑްގައި ތިބީ އަހަރެން ދަންނަ ކުޅުންތެރިން. އެކުޅުން ތަރިންނަކީ ހިތްވަރުގަދަ މޮޅު ކުޅުންތެރިން. ޓީމްގެ ސްކޮޑަށް ނަގާނީ މޮޅުވީމަ. މިސަރަހައްދުގެ ކުޅުން ތެރިން ދަކާ ކުޅުމާ އެއްވަރަށް ދިވެހި ކުޅުންތެރިން ކުޅޭކަން އަހަރެން ޤަބޫލް ކުރަން،" ވަންލީ ބުންޏެވެ.
ވަންލީ ބުނީ، ރާއްޖެއާ އެއްފަޅިން މުބާރާތުގައި ވަދަކުރާ ޤައުމުތަކަކީ އެނާ ދަންނަ ޤައުމުތަކެއް ކަމަށާއި އަދި އެޤައުމުތަކުގެ ކުޅުންތެރިންގެ ހުނަރާއި ފެންވަރު ވެސް އިނގޭ ކަމަށެވެ.
މުބާރާތުގައި ރާއްޖެ ފަޅީގައި ހިމެނޭ ޤައުމުތަކަކީ ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާނެވެ.

ވަންލީ ބުނީ، 2008 ވަނަ އަހަރު ރާއްޖެ އަށް ތަށި ހޯދައިދިނުމަށް ލަނޑު ޖެހި ކުޅުންތެރިޔާ މުހުތާރު ނަސީރު ޓޫކިލޯއަށް މިފަހަރުގެ މުބާރާތުގައި ކުޅެވޭގޮތް ވުމުން އުފާވާކަމަށާއި ޓޫކިލޯއަކީ ޓީމަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

ޓޫކިލޯއަށް މިފަހަރުގެ މުބާރާތުގައި ނުކުޅެވޭނެ ކަމަށް ކުރިން މީޑިއާގައި އަޑުފެތުރިފައި ވަނީ ދިރާގު ދިވެހި ލީގުގެ ފަހު ބުރުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އެހެންނަމަވެސް އެ އަނިޔާއިން ރަނގަޅުވެ ޓޫކިލޯވަނީ ޤައުމީ ޓީމާ ގުޅި، މިފަހަރުގެ މުބާރާތަށް ތައްޔާރުވުމަށް ދިވެހި ޓީމް މެލޭސިޔާއަށް ކުރާ ދަތުރުގައި ވެސް ބައިވެރިވެފަ އެވެ.
ޓޫކިލޯގެ އިތުރުން ޓީމުގެ ކެޕްޓަކް އަލީ އަޝްފާގް (ދަނގަޑޭ) އަކީ ވެސް ޓީމަށް މުހިންމު ކުޅުން ތެރިއެއް ކަމަށް ވަންލީ ވަނީ ބުނެފަ އެވެ.

"ޓީމުގައި ފާހަގަ ކޮށްލެވޭ ކުޅުން ތެރިން އެބަތިބި. ވިކްޓަރީގެ އިބްރާހިމް ފަޒީލް (އޮއްޕޮ) އަކީ ވެސް މޮޅު ކުޅުންތެރިއެއް. އޭނާގެ ބޭނުން ހިފޭނެ. އަހަރެން ޤަބޫލް ކުރަން އެހެން ޤައުމުތަކަށް ވުރެ ރާއްޖެ ޓީމްގެ ފޯވާޑް ލައިން ރަނގަޅު ކަމަށް. އަހަރެންގެ ދުއާ އަކީ ވެސް ރާއްޖެ ތަށި ހޯދުން. އިރާދަ ކުރެއްވިއްޔާ މިފަހަރަކީ ދިވެހިންގެ ފަހަރު." ވަންލީ ބުންޏެވެ.
ނިއު ދިއްލީގައި ޑިސެމްބަރު 2-11 އަށް ބާއްވާ މުބާރާތުގައި ވާދަކުރުމަށް މި މަހުގެ 29 ގައި ދިވެހި ޓީމު ދިއްލީ އަށް ފުރާ އިރު، ރާއްޖެއާ ދެކޮޅަށް މުބާރާތުގެ ފުރަތަމަ މެޗުގައި ނުކުންނަ ނޭޕާލް ޓީމް މިމަހުގެ 28 ވަނަ ދުވަހު ދިއްލީއަށް ދާނެ ކަމަށް އެ ޤައުމުގެ ފުޓްބޯޅައާ ބެހޭ އިދާރާ އިން ވަނީ ބުނެފަ އެވެ .