ޕީޕީއެމަށް މެންބަރުން އިތުރުކުރަން މާލެއާއި އަތޮޅުތެރޭގައި ގިނަ މަސައްކަތްކެއް މި ހަފުތާގެ ތެރޭގައި ހިންގަން ޕާޓީގެ ކައުންސިލުން ނިންމައި ހަފުތާ ފަށައިފި އެވެ.

ޕީޕީއެމްގެ ނައިބް ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ޕާޓީއަށް މެންބަރުން އިތުރުކުރަން މަސައްކަތްކުރާ ހަފުތާއެއް ފާހަގަކުރަން ކައުންސިލުން ނިންމުމާއި ގުޅިގެން މި ހަފުތާގެތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މި ހަފުތާއަކީ ޕީޕީއެމަށް މެންބަރުން ހޯދުމުގެ ހަފުތާއަކަށް ހަދާނެ ކަމަށާއި މިއީ އަހަރު ނިމުގެ ކުރިން ޕާޓީގެ މެމްބަރުންގެ އަދަދު 20000 އަށް އެރުމަށް ކަމަށް ފެށި މަސައްކަތުގެ ބައެއް ކަމަށެވެ. އަދި ވިދާޅުވީ މެންބަރުން އިތުރު ކުރަން އެ ޕާޓީގެ ހަތަރު ޓީމެއް އަތޮޅުތަކަށް ދަތުރުކުރާއިރު މާލޭގައި ވެސް ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ.

"މާލޭގައި ހިންގާ ހަރާކާތް ތަކުގެ ތެރޭގައި ގޭގެއަށް ގޮސް ޕާޓީއަށް ވަންނަން ބޭނުންވާ މީހުންގެ ފޯމުތައް ފުރައިދޭނެ. އަދި މާލޭގެ އެކި ސަރަހައްދު ތަކުގައި ބޫތު ހަދައިގެން ފޯމް ފުރާނެ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

ޕީޕީއެމުން ވިދާޅުވީ ޕީޕީއެމްގެ ކުލަ ފެންނާނެ ގޮތަށް ބޭނާ ދެމުމާއި، ހއ، ށ، ބ، ރ، އއ އަދި އދ މި އަތޮޅުތަކަށް ފޯމް ފުރުމުގެ ހަރަކާތްތައް ހިންގުމަށް ތަފާތު ޓީމްތައް ހަރަކާތްތެރިވާނެ ކަމަށެވެ.