މެނީލާ (ނޮވެމްބަރ 19) : ފިލިޕީންސްގައި ކުރިން ބޭއްވި ރިޔާސީ އިންތިޚާބެއްގައި މަކަރު ހައްދަވައ ވޯޓު އޮޅުވާލެއްވި ކަމުގެ ތުހުމަތުގައި ފިލިޕީންސްގެ ކުރީގެ ރައީސާ ގްލޯރިޔާ މަކަޕާގަލް އަރޯޔޯ ހައްޔަރުކުރުމުގެ އަމުރެއް އެޤައުމުގެ ފުލުހުން ނެރެފިއެވެ.

ފިލިޕީންސްގެ ފުލުހުންބުނިގޮތުގައި އަރޯޔޯ ހައްޔަރުކުރުމުގެ އަމުރު އިއްޔެގެ ވަގުތެއްގައި އޭނާގެ އަތްޕުޅަށް އެރުވިފައިވަނީ އޭނާގެ ފިރިކަލުންނާއި ޤާނޫނީ ވަކީލުންގެ ޙާޒިރުގައެވެ. އަރޯޔޯގެ ސިއްޙީ ޙާލުކޮޅު ހުރިގޮތުން އޭނާ މިހާރު އޮންނެވީ މެނީލާގެ ސެންޓްލޮކް ހޮސްޕިޓަލްގައެވެ.

އަރޯޔޯ މިހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުން ގެންދަވާތާ މިހާރު ދުވަސްކޮޅެއްވެއްޖެވެ. އަރޯޔޯ ހައްޔަރު ކުރެވޭނީ އޭނާގެ ސިއްޙީ ޙާލުކޮޅު އާދައިގެ ޙާލަތަކަށް އައުމުން ކަމަށް ފުލުހުންގެ އޮފްސަރެއް ކަމަށްވާ ޖޭމްސް ބުކަޔޯ ވިދާޅުވިއެވެ. ނަމަވެސް އަރޯޔޯ އޮންނެވި ހޮސްޕިޓަލްގެ ކުރިމަތީގައި ފުލުހުން މިހާރުވަނީ ފޯރިމަރަން ފަށާފައެވެ.

2001 ން 2010 ށް ފިލިޕީންސްގެ ރައީސްކަންކުރެއްވި އަރޯޔޯގެ މައްޗަށް ކުރެވިފައިވާ ވޯޓު އޮޅުވާލުމާއި އިންތިޚާބުގައި މަކަރު ހެދުމުގެ ކުށް ސާބިތުވެއްޖެނަމަ އުމުރަށް ޖަލަށްލުމުގެ ޙުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ. އަރޯޔޯވަނީ ފަރުވާހޯއްދެވުމުގެ ނަމުގައި ޤައުމު ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އަރޯޔޯ ސިންގަޕޫރަށް ވަޑައިގަތުމަށް މަސައްކަތްކުރެއްވީ ވޯޓު އޮޅުވާލުމުގެ ތުހުމަތުގައި ފުލުހުން ކުރަމުން ގެންދާ ތަޙްޤީޤްތަކުން ސަލާމަތްވުމުގެ ބޭނުމުގައި ކަމަށް ޝައްކުކުރެވިގެން ފުލުހުންވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ފުރިޔަނުދީ އެއަރޕޯޓުން ފޮނުވާލާފައެވެ.

ކޯޓުންބުނީ އަރޯޔޯ ހައްޔަރުކުރުމުގެ އަމުރު ނެރެވޭ މިންވަރަށް ހެކިހުރި ކަމުގައެވެ. -- ނޫސް އެޖެންސީތައް