23 Oct 2019, 16:55
އަންކަރާ (އޮކްޓޯބަރ 23): ތުރުކީގެ ސަރަހައްދީ ރޮނގާ ގުޅިފައިވާ ސީރިއާގެ އިރު އުތުރުގެ ސަރަހައްދުތަކުގައިތިބި ކުރުދީންގެ ވައިޕީޖީ ހަނގުރާމަވެރިން ފޭބިކަން އެމެރިކާ ކަށަވަރުކޮށްދީފައިވާކަމަށް ތުރުކީން ބުނފިއެވެ.
ތުރުކީގެ ދިފާއީ ވުޒާރާ އިން ބުނީ އެމެރިކާގެ އެ އެންގުމާ ގުޅިގެން ތުރުކީން ހަނގުރާމައިގެ ހަރަކާތްތައް އިތުރަށް ކުރިޔަށް ގެންދިޔުމުގެ ބޭނުމެއް ނެތްކަމަކާ ނަމަވެސް ވައިޕީޖީ ހަނގުރާމަވެރިން ފޭބިކަން ކަށަވަރު ކުރާނެކަމުގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސީރިއާގެ އިރު އުތުރު ސަރަހައްދުގައި ހިނގާ ހަނގުރާމައަށް އިޝާރާތް ކުރައްވައި އެ މައްސަލާގައި ރަނގަޅު ކަންތައްތަކެއް ހިނގާނެކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.
ތުރުކީން ކުރިންވަނީ ސީރިއާގެ ކުރުދީންގެ ވައިޕީޖީ ހަނގުރާމަވެރިން އަންގާރަދުވަހުގެ ނިޔަލަށް ސީރިއާގެ އިރު އުތުރުގެ ހުރިހާ ސަރަހައްދަކުން ނުފައިބައިފިނަމަ އެމީހުން ފައްސާލުމަށް ކުރިން ދެމުން ގެންދިޔަ ހަމަލާތައް އަލުން ފަށާނެކަމުގެ އިންޒާރު ދީފައެވެ.
އަނެއްކޮޅުން ސީރިއާގެ އިރު އުތުރު ސަރަހައްދުތަކުގެ މުސްތަގްބަލާމެދު، ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާންއާއި ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ރަޝިޔާގެ ސޯޗީގައި ކުރެއްވި މަޝްވަރާތައްވަނީ ނިންމާލާފައެވެ. މި މަޝްވަރާތަކުގައި އުރުދުޣާންއާއި ޕޫޓިން އެއްބަސްވެވަޑައިގެންފައިވަނީ ވައިޕީޖީ ހަނގުރާމަވެރިން ފައިބާ ސަރަހައްދުތަކުގައި ތުރުކީއާއި ރަޝިއާ ސިފައިން ގުޅިގެން ޕެޓްރޯލްކޮށް އެސަރަހައްދުތައް ބެލެހެއްޓުމަށެވެ. އަދި ސަރަހައްދުތަކުގައި ދިގު މުއްދަތަކަށް ތުރުކީ ސިފައިން މަރުކަޒުނުކުރުމަށާއި އެތަނުގައި ތުރުކީން އަސްކަރީ ބޭސް ނުހެދުމަށްވެސް ދެބޭފުޅުންވަނީ އެއްބަސްވެވަޑައިގެންފައެވެ.
ތުރުކީގެ ބޭނުމަކީ ސަރަހައްދީ ރޮނގާ ގުޅިފައިވާ ސީރިއާގެ އިރު އުތުރުގެ ސަރަހައްދުތަކުގައި ތިބި ވައިޕީޖީ ހަނގުރާމަވެރިން ބޭރުކުރުމުގެ އިތުރުން ތުރުކީގައި ދިރިއުޅޭ ސީރިއާ ރެފިއުޖީން ވަޒަންވެރިކުރުވުމަށްޓަކައި އެތަނުގައި އަމާން ސަރަހައްދުތަކެއް ގާއިމުކުރުމެވެ. މިކަމަށް އެއްބާރުލުން ދިނުމަށް ޕޫޓިންވަނީ އެއްބަސްވެވަޑައިގެންފައެވެ.
(ނޫސްއެޖެންސީތައް)