23 Oct 2019, 09:49
ހިޔާނާތުގެ ތުހުމަތު ކުރެވޭ ފަނޑިޔާރުން ތިބިނަމަ ފިޔަވަޅު އެޅުމަށް ފަނޑިޔާރުންގެ ޖަމްއިއްޔާ އިން ގޮވާލައިިފި އެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި މިވަގުތު މަގާމުގައި ތިއްބެވި ފަނޑިޔާރުން ހިމެނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ޕްރޮސެކިޔުޓާ ޖެނެރަލް ވިދާޅުވެފައިވާތީ، އެކަމާ ގުޅިގެން އެ ޖަމްއިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ޕީޖީގެ ވާހަކަފުޅަކީ އެ ޖަމްއިއްޔާ އިން ކަންބޮޑުވާ ކަމެއް ކަމަށާއި ފަނޑިޔާރުންނާމެދު އެއްވެސް ތުހުމަތެއް ކުރެވޭނަމަ ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
"އެއްވެސް މިންވަރެއްގެ ޖިނާއީ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވޭނަމަ ކަމާބެހޭ އިދާރާތަކުން އެކަން ބަލައި، ތަހުގީގުކޮށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ކަމާބެހޭ އެންމެހާ މުވައްސަސާތަކަށް ގޮވާލަމެވެ،" އެ ޖަމްއިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފަނޑިޔާރުންގެ ޖަމްއިއްޔާގެ ބަޔާނުގައި ބުނީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދިދާނެ އެއްވެސް ކަމެއް ފަނޑިޔާރުންގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް ތަބާވުމަށް ހުރިހާ ފަނޑިޔާރުންނަށް އިލްތިމާސް ކުރާކަމަށެވެ.