ގދ ގައްދޫ އަދި ތ ތިމަރަފުށީ މަގުތައް ހަދައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން ގައްދޫ އަދި ތިމަރަފުށީގެ މައި މަގުތައް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނު ކުރާ ކަމަށެވެ.

ގައްދޫގެ މަގު ހެދުމުގެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިޔުރިޓީގެ ގޮތުގައި 750،000 ރުފިޔާ ނުވަތަ އެއާ އެއްބަރުގެ އަދަދަކުން ޑޮލަރު ހުށަހަޅަން ޖެހޭއިރު ތިމަރަފުށީ މަގުހެދުމުގެ މަސައްކަތުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 350،000 ރުފިޔާ ނުވަތަ އެއާ އެއްބަރުގެ އަދަދަކުން ޑޮލަރު ހުށަހަޅަން ޖެހެއެވެ.

ފިނޭންސް އިން ބުނީ މި މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓެޓިވް ބިޑިން އުސޫލުގެ ދަށުން ކަމަށެވެ.

ކޮންމެ ބިޑެއްގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު މިއަދުން ފެށިގެން އަންނަ މަހުގެ 20ގެ ނިޔަލަށް ފައިސާ ބަލައިގަންނާނެއެވެ.

ބިޑް ހުޅުވުން އޮންނާނީ އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ.

ގައްދޫ މަގުހެދުމުގެ މަސައްކަތަށް 13 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާއިރު ތިމަރަފުށީ މަގުހެދުމަށްވެސް މިއަހަރުގެ ބަޖެޓުން 13 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.