19 Nov 2011, 09:06
ވޮޝިންގޓަން (ނޮވެމްބަރ 19) : ވައިޓް ހައުސްގެ ކައިރީގައި ބަޑީގެ ޙަމަލާތަކެއް ދިންމައްސަލާގައި މިދިޔަ ހޯމަދުވަހު ހައްޔަރުކުރި އެމެރިކާގެ ޒުވާނާގެ މައްޗަށް ރައީސް ބަރަކް އޮބާމާ އަވަހާރަކޮށްލަން މަސައްކަތްކުރި ކަމުގެ ތުހުމަތުކޮށްފިއެވެ.
އެމެރިކާ ފުލުހުންކުރި މިތުހުމަތުތަކާ ގުޅިގެން ސްޕޭން ދަރިކޮޅަށް ނިސްބަތްވާ އެމެރިކާގެ ޒުވާނެއް ކަމަށްވާ އުމުރުން 21 އަހަރުގެ އޮސްކާރ ރަމީރޯ އޮރޓޭގާވަނީ ޕެންސިލްވީނިޔާގައި ހުންނަ ފެޑްރަލް ކޯޓަކަށް ޙާޒިރު ކޮށްފައެވެ. ކޯޓުންވަނީ މިމައްސަލަ ތަޙްޤީޤްކުރުމަށްޓަކައި އޭނާ ހައްޔަރުކުރުމުގެ މުއްދަތު ފުލުހުންނަށް އިތުރުކޮށްދީފައެެވެ.
ރިޕޯޓްތައް ބުނާގޮތުން އޮރޓޭގާއަކީ އެމެރިކާގެ ރައީސް ބަރަކް އޮބާމާދެކެ ނަފްރަތުކުރާ އެމެރިކާގެ ޒުވާނުންގެ ތެރޭގައި ހިމެނޭ ހަރުކަށި ޒުވާނެކެވެ. މިގޮތުން އޮބާއަކީ ވުޖޫދުން ފުހެލަންޖެހޭ "ޝައިތާނެއް" ކަމަށާ އެކަން ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން ރަޙްމަތްތެރިންނަށް ދިނުމުގެ އިތުރުން އޮބާމާއަކީ "ދައްޖާލު" ކަމަށް ސިފަކޮށްގެންވެސް ރަޙްމަތްތެރިންގެ ކައިރީގައި އޮރޓޭގާ ވާހަކަ ދައްކާފައިވާ ކަމަށްވެއެވެ. އޮރޓޭގާގެ މައްޗަށްކުރެވިފައިވާ ތުހުމަތު ސާބިތުވެއްޖެނަމަ އުމުރަށް ޖަލަށްލުމުގެ ޙުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.
އެމެރިކާގެ ރިޔާސީ އަމްނާބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ޕެންސިލްވީނިޔާގެ ފުލުހުން އޮރޓޭގާ ހައްޔަރުކުރީ މިދިޔަ ހަފްތާގެ ހަފްތާ ބަންދުގައި ވައިޓްހައުސްއަށް އަމާޒުކޮށް އޭނާ ބަޑިޖެހުމަށްފަހު ފިލައިގެން ގޮސްފައިވަނިކޮށެވެ. އޭނާ ބަޑިޖަހާފައިވަނީ ކާރަކުން ދަތުރުކުރަމުންގޮސް ވައިޓް ހައުސްއާ އަރާހަމަވުމަށްފަހު ކާރުގެ ކުޑަދޮރުން ކަމަށް މަންޒަރުދުށް މީހުން ބުނެއެވެ.
ވައިޓް ހައުސްއަށް ޖެހި ބަޑީގެ އުންޑަތައް އެޢިމާރާތުގެ ކުޑަދޮރުތަކުގެ ބޭރަށް ވެއްޓިފައިވަނިކޮށް އެތަން ގާޑުކުރާ ސިއްރު ޚިދްމަތްތަކާބެހޭ (ސިކްރެޓް ސަރވިސަސް) ގާޑުންނަށް ފެނިފައިވެއެވެ. މިއުންޑަތައް ވެއްޓިފައިވަނީ ވައިޓްހައުސްގެ ކުޑަދޮރުތަކުގައި ހުންނަ އުންޑަ ނާރާވައްތަރުގެ ބިއްލޫރި ފޫއަޅުވާނުލެވުމާގުޅިގެން ކަމަށް ރިޔާސީ އަމްނާބެހޭ މަސްއޫލުވެރިން ހާމަކުރައްވައެވެ. ބަޑީގެ މިޙާދިޘާ ހިނގި ވަގުތު ރައީސް ބަރަކް އޮބާމާއާއި އޭނާގެ ޢާއިލާ އުޅުއްވީކެލިފޯނިޔާގެ ސެންޑިޔޭގޯ ގައެވެ.
ވައިޓް ހައުސް އަކީ އެތަށްފަހަރަކު ބަޑީގެ ޙާދިޘާތައް ކުރިމަތިވެފައިވާ ތަނެކެވެ. މީގެތެރެއިން އެންމެ މަޝްހޫރު އެއްޙާދިޘާއަކީ ބިންކްލިންޓަންގެ ދައުރުގައި 1994 ވަނަ އަހަރު ފްރާންސިސްކޯ ޑުރާން ނަމަކަށްކިޔާ އުމުރުން 26 އަހަރުގެ އެމެރިކާގެ ޒުވާނަކު ބަޑީގެ 20 އުންޑަ ވައިޓް ހައުސް އަށް ފޮނުވާލި ޙާދިޘާއެވެ. މިޙާދިޘާއާ ގުޅިގެން އޭނާވަނީ 40 އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލާފައެވެ. -- ނޫސްއެޖެންސީތައް)