19 Nov 2011, 08:58
ކުޑަކުދިންގެ ރައްކާތެރިކަމާމެދު ފިކުރު ކުރުމަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފި އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ކުޑަކުދިންނަށް ކުރާ އެކި އަނިޔާތަކުން އެ ކުދިން ހިމާޔަތް ކުރަން ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި "ކޮންމެ އިހުމާލަކީ އަނިޔާއެއް" މި ޝިޢާރުގެ ދަށުން އިއްޔެ މާލޭ ސަލްޓަން ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރެއްގަ އެވެ.
ހަވީރު ބޭއްވީ ހިއުމަން ރައިޓްސް ކޮމިޝަނާއި އެޑިޔުކޭޝަނާއި، ޑިޕާޓްމަންޓް އޮފް ޖެންޑާ އެންޑް ފެމިލީއާއި، ޕޮލިހާއި ކެއާ ސޮސައިޓީއާއި، އާކް އާއި ، ކެޕްސް އާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި، ދިވެހި ރެޑް ކްރެސެންޓާއި، ޓައިނީ ހާޓްސް އިންނެވެ.
ނައިބު ރައީސް ވިދާޅުވީ ކުދިން ބޮޑުވަންދެން އެހީތެރިކަން، ދިނުމަކީ، ބައިނަލްއަޤްވާމީ އަދި ޤާނޫނީގޮތުން ލާޒިމުކަމެއް ކަމަށާއި ހުރިހާ ޤައުމަކުން ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުއާޙަދާ، "ކޮންވެންޝަން އޮފް ދަ ރައިޓްސް އޮފަ ދަ ޗައިލްޑް"ގައި ރާއްޖެ ވެސް ސޮއި ކޮށްފައިވާ ކަމަށެވެ. މައިންބަފައިންނާއި، ޓީޗަރުންނާއި އާންމު ރައްޔިތުންނަށް މުޖްމަތަޢުގެ ތެރޭގައި ކުޑަކުދިންގެ ޙައްޤުތަކާމެދު ވިސްނައި ފިކުރުކުރަންޖެހިފައިވާ ކަމަށާއި އެއީ ސަރުކާރުންނާއި، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތަކަށް ވުމާއެކު، ހުރިހާ ފަރާތްތަކަކުން ވެސް ކުޑަކުދިންނާ ދޭތެރޭ ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.
ކުޑަކުދިންނަށް ކުރިމަތިވެދާނެ ގޯނާތަކާ ބެހޭގޮތުން ކުދީން ހޭލުންތެރިކުރުވައި ވާހަކަ ދެއްކުމަކީ، މުހިންމު ކަމެއް ކަމަށާއި ކުޑަކުދީންނާ ވާހަކަދައްކަވަން ދަސްކުރައްވައި، ވާހަކަ ދެއްކުމުގެ ފަސޭހަކަމުގެ ދޮރުތައް އެކުދިންނަށް ހުޅުވާލަދޭން ޖެހޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.