23 Oct 2019, 09:40
މާލޭ ހުޅަނގު ފަރާތުން 500 މީޓަރު ދުރުގައިވާ ވޭލް ސަބްމެރިން އޮޕަރޭޓް ކުރަން ފެށިތާ 19 އަހަރު ފަހުން އެ އުޅަނދުގެ 10،000 ވަނަ ޑައިވް ކާމިޔާބުކަމާ އެކު ފުރިހަމަކޮށް ތާރީހުން ޖާގަ ހޯދައިފި އެވެ.
ރާއްޖޭގައި އޮތް ހަމައެކަނި ޕެސެންޖަރުން އުފުލާ ސަބްމެރިން ކަމަށްވާ ވޭލް ސަބްމެރިން އަކީ މުޅި ދުނިޔޭގައި ވެސް މިފަދަ އެންމެ ބޮޑު އަދި އެންމެ އަޑިއަށް ފީނާ ސަބްމެރިން އެވެ. ނަމަވެސް މިއަދު އެ ސަބްމެރިން ހޯދި ޝަރަފަކީ އަދި އެއަށްވުރެން މާ ފަޙުރުވެރި ކަމެކެވެ. މުޅި ދުނިޔޭގައި ވެސް އޮތް 48 ޕެސެންޖަރު ސަބްމެރިންގެ ތެރެއިން ފަސްވަރަކަށް ސަބްމެރިންއަށް ހެދިފައި ނުވާ ވަރަށް އެ ސަބްމެރިން މިހާރު ވަނީ ޑައިވް ކޮށްފަ އެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވޭލް ސަބްމެރިންގެ ވަރުހުރު އުޅަނދު މިއަދު ވަނީ އޭގެ 10،000 ވަނަ ޑައިވް ފުރިހަމަ ކޮށްފަ އެވެ. މި އަދަދަށް އެ އުޅަނދު ޑައިވް ކުރި އިރު ގައިގަނޑަކަށް 350،000 މީހުން މިހާތަނަށް އޭގައި ޑައިވް ކޮށްފައިވާނެ ކަމަށް އަންދާޒީ ހިސާބުތަކުން ދައްކަ އެވެ.

ވޭލް ސަބްމެރިންގެ 100 ވަނަ ޑައިވް ފާހަގަ ކުރުމުގެ ހަފްލާގެ ތެރެއިން.
އެހެން ކަމުން މި އަދަދަކީ ރާއްޖޭގެ އާބާދީއެއް ވުރެން ވެސް ބޮޑު އަދަދެއް ކަމަށްވާ އިރު މި ސަބްމެރިންގައި ދަތުރުކޮށް ކަނޑު އަޑީގެ ޗާލޫ މަންޒަރުތަކާއި މަސްމަހާ މެހީގެ ބަގީޗާތައް ބަލާލުމަށް ބޭނުންވެފައި އަދިވެސް ގިނަ ބަޔަކު އެބަތިއްބެވެ.
ވޭލް ސަބްމެރިން އަކީ 1998 ވަނަ އަހަރު ޖަރުމަނުގެ ކާރްލްސްރުހާގެ، ބުރުކާ މީރެސްޓެޗްނިކް ކޮމްޕެނީއިން އުފެއްދި ސަބްމެރިން އެކެވެ. އެ ސަބްމެރިން ރާއްޖެ ގެނެސް ޕެސެންޖަރު ސަބްމެރިން ކްރުއިސާއެއްގެ ގޮތުގައި ބޭނުން ކުރަން ފެށީ 2000 ވަނަ އަހަރު އެވެ. މިހާރު އޭގެ ފަހުން 19 އަހަރު ވެފައިވާ އިރު އެ ސަބްމެރިންގައި ރާއްޖޭގެ އެހެން އެއްވެސް ޑައިވް ކުންފުންޏަކުން ޑައިވް ނުކުރާހާ ގިނައިން މީހުން ވަނީ ޑައިވް ކޮށްފަ އެވެ.
މި ސަބްމެރިން އޮޕަރޭޓް ކުރުމުގައި 50 މުވައްޒަފުން މަސައްކަތް ކުރާ އިރު ހުރިހާ މުވައްޒަފުންނަކީ ވެސް އެކަމަށް ކޮލިފައިޑް އަދި ވަރަށް ރަނގަޅަށް ތަމްރީން ވެފައިވާ މުވައްޒަފުންތަކެއް ކަން މިއަދުގެ 10،000 ވަނަ ޑައިވް ކުރުމުގެ ކުރިން ޑައިވް ކުރުމަށް ގޮސް ތިބި ފަތުރުވެރިންނާ ވާހަކަ ދައްކަމުން އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދުނިޔޭގައި ކޮންމެ ދުވަހަކުވެސް ސަބްމެރިން އެތައް ޑައިވްއެއް ކުރާ އިރު ވެސް މިހާތަނަށް އަދި ނުރައްކާތެރި، ބޮޑު ހާދިސާއެއް ނުހިނގާ ކަމަށެވެ. އަދި ވޭލް ސަބްމެރިންއަކީ ވަރަށް މަތީ ފަންތިއަކަށް ޓްރެއިން ވެފައި ތިބި މުވައްޒަފުންތަކެއް އޮޕަރޭޓް ކުރާ ސަބްމެރިންއެއް ކަމަށެވެ.
ވޭލް ސަބްމެރިން އަކީ ތެޔޮ ބޭނުން ކޮށްގެން އޮޕަރޭޓް ކުރާ އުޅަނދެއް ނޫނެވެ. އެ އުޅަނދު އެކީ އެކައްޗަކަށް އޮޕަރޭޓް ކުރާނީ ބެޓެރީގެ ބާރުންނެވެ. އެކަމުގެ ސަބަބުން ވެސް ހާދިސާތައް އުޅަނދުގެ ތެރޭގައި ހިނގުމުގެ ފުރުސަތު ކުޑަވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
މީގެ އިތުރުން މި އުޅަނދުގައި އެއްފަހަރާ 50 މީހުންނަށް ދަތުރު ކުރެވޭނެ ކަމަށާއި 120 ފޫޓު އަޑިއަށް ވެސް ދެވޭނެ ކަމަށްވެ އެވެ. އަދި ކަނޑު އަޑީގެ ރީތި މަންޒަރުތައް ބަލާލުމުގައި 45 މިނަޓު ހޭދަކުރުމުގެ ފުރުސަތު މި ސަބްމެރިންގައި ޑައިވް ކުރާ ކޮންމެ މީހަކަށް ވެސް ލިބޭނެ އެވެ.

ވޭލް ސަބްމެރިންގެ 100 ވަނަ ޑައިވް ފާހަގަ ކުރުމުގެ ހަފްލާގެ ތެރެއިން.
ވޭލް ސަބްމެރިންގެ ޗީފް ޕައިލޮޓް އައިޝަތު އާމިރު "ސަން" އަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާ ފުރަތަމައިން ވޭލް ސަބްމެރިން ކުންފުންޏާ ގުޅުނީ އަންޑާ ވޯޓަރ ހޮސްޓްރެސްއެއްގެ ގޮތުގައި ކަމަށެވެ.
"ދެ އަހަރު ވަންދެން މި ކުންފުނީގައި އަންޑަ ވޯޓަރ ހޮސްޓްރެސްއެއްގެ ގޮތުގައި މަސައްކަތް ކުރީ. ދެން ސަބްމެރިންއަށް އުފެދުން އިންޓްރެސްޓެއްގެ ސަބަބުން ބޭނުންވީ ސަބްމެރިން އަކީ ކޯޗެއް ކަން ސްޓަޑީ ކުރަން."
އޭނާ ބުނީ، 2011 ވަނަ އަހަރު ޕައިލަޓް ކަމުގެ ލައިސަންސް ލިބުނު ފަހުން މިހާތަނަށް ދެ ހާސް ނުވަތަ ތިން ހާސް ޑައިވް ފުރިހަމަ ކުރެވިއްޖެ ކަމަށެވެ. އެހެން ނަމަވެސް ގިނަ ބަޔަކަށް އަދިވެސް ރާއްޖޭގައި މި ކަން ކުރާ ކަން ނޭންގޭކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އަދި ގިނަ ބަޔަކަށް މި ފުރުސަތު ހޯދައިދިނުމަކީ ލިބޭނެ އުފަލެއް ކަމަށް އޭނާ ބުންޏެވެ.
މިއަދުގެ 10،000 ވަނަ ޑައިވް ނިންމުމަށްފަހު ވޭލް ސަބްމެރިންގެ މުވައްޒަފުންނާއި ދަތުރުގެ ބައިވެރިންނާ އެކު ވަނީ ކޭކެއް ވެސް ފަޅައިފަ އެވެ. އަދި މިއަދުގެ ޑައިވްގައި ބައިވެރިވި ހުރިހާ އެންމެންނަށް އުމަރު ވަނީ ހާއްސަ ހަނދާނީ ލިއުމެއް ވެސް އަރުވައިފަ އެވެ.