އެއްދުވަހަކު ރައްޓެއްސަކު ވަރަށް ހެއްވާ ސުވާލެއް ކޮށްފި އެވެ. ހެއްވާ ސުވާލެކޭ މިދެންނެވީ ހަމަ ވަރަށް ތާކުން ތާކު ނުޖެހޭ ސުވާލަކަށްވީމަ އެވެ. މީނާ މި ކުރާ ސުވާލަކީ މަގުތަކުގެ ދެފަރާތުގައި، ނުވަތަ އެއްފަރާތުގައި ނަމަވެސް ހަދާފައި މިހުންނަ ދުވާރުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އަޅުގަނޑުގާތަށް އައީ ހިންޏެވެ. ތީ ދެން ހާދަ ހެއްވާ ސުވާލެކޭ ބުނުމުން އޭނާ ބުނީ، އެއީ ހެއްވާ ސުވާލެއް ނޫންކަމަށެވެ. އެދުނީ ޖަވާބު ދިނުމަށެވެ. އެއީ މަގުހިނގާ މީހުންނަށް ޚާއްޞަކޮށްފައި އޮންނަ ތަނެކޭ އަޅުގަނޑު ހަމަ ބުނެ ނުނިމެނީސް ބުނެފި އެވެ. ނުބައެވެ. ތިދިނީ ރަނގަޅު ޖަވާބެއް ނޫނެވެ.

އަޅުގަނޑަށް ނިންމުނީ އޭނާ އެއުޅެނީ އަނގަގޮއްވަން ކަމަށެވެ. ދެން ތިވާހަކަ ބާއްވާށޭ ބުނެފީމެވެ. ވާހަކަ ބޭއްވޭނީ ސުވާލުގެ ރަނގަޅު ޖަވާބުދީފައޭ ބުނެފައި، އޭނާ ބުނީ، ދުވާރަކީ ހިނގަން އޮންނަ ތަނެއް ނޫންކަމަށާއި، އެއީ ފިހާރަވެރިން އެމީހުންގެ މުދާ ބަހައްޓަން އޮންނަ ތަނެއްކަމަށެވެ. އޭނާ ވާހަކަ ދެއްކީ ވަރަށް ސީރިޔަސްވެ އިނދެއެވެ.

އޭނާ ބުނަން އެއުޅޭ އެއްޗެއް ވިސްނުނީ ދެނެވެ. އަޅުގަނޑު އޭނާއަށް ޖަވާބު ދިނީ، ދުވާރުގެ ހަގީގީ ބޭނުމާ ގުޅުވައިގެންނެވެ. އޭނާ ޖަވާބު އެދިނީ، ބައެއް މީހުން ދުވާރު ބޭނުންކޮށް އުޅޭ ގޮތާ ގުޅުވައިގެންނެވެ. އެހެންކަމުން އޭނާގެ އެ ޖަވާބު ނުބައެކޭ ބުނާކަށް ފަސޭހައެއް ނުވި އެވެ. އެހެންކަމުން ހަނު އިނުމުގެ ހައްގު ހޯދައިގެން އަޅުގަނޑު މަޑުން އިނީ އޭނާ ދެން ކިޔަނީ ކީކޭތޯ ބަލާށެވެ.

އިރުކޮޅަކު އިނދެފައި އޭނާ ފެށި އެވެ. އޭނާއަށް ދާދިފަހުން ދިމާވި ކަމެކޭ ކިޔާފަ އެވެ. އެއީ ހަނި މަގެކެވެ. ދުވާރު އޮތީ މަގުގެ އެއްފަރާތުގަ އެވެ. އަނެއްފަރާތުގައި ޕާކުކުރާ ޖާގަ އެވެ. ކުޑަ ކުއްޖަކު އުރާލައިގެން އަންނަ ދެބައި އުމުރުގެ އަންހެނަކު، ދުވާރުމަތިން ހިނގާފައި އަންނަތަން ފެނެއެވެ. އަންހެން މީހާއަށް ދުވާރުމަތިން ޖާގަ ލިބުނީ، އެމަގުގައި ހުރި ބޮޑު ފިހާރައަކާ ހަމައަށެވެ. އެހާތަނުން ދެން އޮތީ ފިހާރައަށް ޚާއްޞަކޮށްފައި އޮތް ޖާގަ އެވެ. ފިހާރައިގެ ދިގުމިނަށް، ދުވާރުގެ ފުޅާމިނަށް ހުރީ، އެކި ކަހަލަ މުދާ އަރުވާ ބަރާކޮށްފަ އެވެ. އަންހެންމީހާއަށް މަޖުބޫރުވީ މަގަށް ފައިބާށެވެ.

ދެތިން ފިޔަވަޅުވެސް އޭނާއަށް އެޅޭގޮތެއް ނުވި އެވެ. ފަހަތުން އައިސް އޭނާއާ އަރާހަމަވީ ކާރެކެވެ. ދުވާރުގައި ހުރި މުދަލާއި ކާރާ ދެމެދުގައި، ކުޑަދަރިފުޅާއެކު އަންހެންމީހާ ތާށިވެއްޖެ އެވެ. އަންހެންމީހާ ހަނިއަރިއަށް ޖެހިލެވޭތޯ މަސައްކަތް ކުރި އެވެ. ކާރަށް ތަންދޭށެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ އެހުރީ ކާރުގެ ޖާގައިގަ އެވެ. ކާރު މަސައްކަތް ކުރީ ދެމިގަންނާށެވެ. އަންހެންމީހާގެ އުޅަނބޮށީގައި ކާރުގެ ލޯގަނޑުން އެތިފަހަރެއް އަޅާފައި ކާރު ރައްކާވެއްޖެ އެވެ. އެންމެ ކަންބޮޑުވީ އޭނާގެ އުރުގައި އިން ކުޑަދަރިފުޅު އޭނާގެ އަތުން ނައްޓާލަން އުޅުނު މަންޒަރު ފެނިފަ އެވެ. ނަމަވެސް އޭނާ އެގޮތް މިގޮތުން ކުއްޖާ ސަލާމަތްކުރި އެވެ.

އެކުވެރިޔާ ވާހަކަ ނިންމާލުމުން އަޅުގަނޑަށް އަހައިލެވުނީ ދެންވީ ކިހިނެއްހެއްޔެވެ؟ އޭނާ ބުންޏެވެ. ދެންވާނީ ކިހިނެއްހެއްޔެވެ؟ އަތަށް ތަދުކޮށްލައިގެން އެފަކީރު ދިޔަގޮތަށް ދިޔައީ އެވެ. އެއްޗެއް ބުނާނީ، ނުވަތަ ބުނެވޭނީ ކާކާ ދިމާއަށް ހެއްޔެވެ؟ ދަރިފުޅު ގޮވައިގެން އޭނާ ގޭގައި އިންނަމަ އެހެނެއް ނުވީހެއްނޫންހެއްޔެވެ؟

އެކަމަކު ތީދެން ވަަރަށް ތާކުންތާކު ނުޖެހޭ ވާހަކައެކޭ ބުނުމުން، އޭނާ އަޅުގަނޑާ ދިމާއަށް ބަލައިލާފައި، ލާނެއް ފާޑަކަށް ހިނިތުންވެލި އެވެ. ދުވާރަކީ ހިނގާމީހުންނަށް އޮންނަ ތަނެކޭ އަދިވެސް ބުނާނަންހެއްޔޭ އެހީ ކުޑައިރުކޮޅަކު އަޅުގަނޑުގެ މޫނަށް ބަލަން އިނދެފަ އެވެ. އަޑަށް ބާރުލާފައި އާއެކޭ ބުނެފީމެވެ. ކަންކޮންމެ ގޮތަކަށް ކަން އޮތަސް އެއީ ހިނގާ މީހުންނަށް ޚާއްޞަކޮށްފައި އޮތްތަނެކެވެ. ފިހާރަތަކުން ޖާގަ ލިބިފައި ނެތް މުދާތައް ޖަހަން ހުރި ހަރެއް ނޫނެވެ. ނުނީ މުދާ ބަހައްޓާ "ގުދަނެއް" ވެސް ނޫނެވެ.

އެކުވެރިޔާގެ މި މަޢުޟޫއަކީ ވަރަށް މުހިންމު މަޢުޟޫއަކަށް އަޅުގަނޑަށް ވެއްޖެ އެވެ. ހަގީގަތުގައި ވެސް މިއީ މިހާރު ވަރަށް ބޮޑަށް ވިސްނަންވެއްޖެ ކަމެކެވެ. ގިނަ މަގުތަކުގެ ދުވާރުތަކުން ހިނގާ މީހުންނަށް ޖާގައެއް ހޯދުން ވަރަށް ދަތި ކަމަކަށް ވެއްޖެ އެވެ. ތަނެއް އިމާރާތްކުރިޔަސް ދުވާރެއް ނޯވެ އެވެ. ގޭގެއިން އުކާލަން ނެރިފައި ހުންނަ ކުނިބުނީގެ ސަމާނުތައް ފުނިޖަހާފައި އެތައް ދުވަހެއް ވާންދެން ދުވާރުމަތީގައި ހުރެދާނެ އެވެ. އުނގު ވިޔަފާރިކުރާ ބައެއް މީހުންގެ ދުއްކާނަކީވެސް ދުވާރެވެ. މިހެން ގޮސް ތަނާ ނުގުޅޭ އެތައް ކަމެއް ހިނގާތަނަކަށް މިތަން މިހާރު ވެއްޖެ އެވެ.

ކަމެއް ކުރާއިރު، އެކަމެއްގެ ސަބަބުން އެހެން މީހުންނަށް ވާނެ އުނދަގުލެއް، ނުވަތަ ގެއްލުމެއް އޮތްތޯ ބަލައި، ވިސްނާލުމަކީ ވަރަށް މުހިންމު ކަމެކެވެ. އަމިއްލަ ފައިދާއަށް ވިސްނަންވީ އޭގެ ފަހުންނެވެ. ހުރިހާ މީހުން މިގޮތަށް ވިސްނުން ބަހައްޓައިގެން ކަންކަން ކުރާނަމަ، ކުޑަދަރިފުޅު ގޮވައިގެން މަގުމައްޗަށް ނިކުންނަ އަންހެންމީހާ ވެސް އެނބުރި ގެއަށް ވަންނަނީ ނުތަނަވަސްކަމެއް ނެތި އެވެ. ވޭނަކާނުލަ އެވެ.